ފަލަސްތީނުގެ ޣައްޒާގައި ނިރުބަވެރި އިސްރާއީލުން ބޮޑު ގަތުލު އާންމެއް ހިންގަމުންދާއިރު، ކޮންމެ ދުވަހަކު އެތައް ބަޔަކު ދަނީ ޝަހީދު ކުރަމުންނެވެ. މީހުން ޝަހީދު ކުރުމުގެ އިތުރުން، ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ހައްޔަރުކޮށްގެންވެސް ގެންދެއެވެ.

މިއީ އެގޮތަށް ހައްޔަރުކޮށްގެން ގެންދިޔަ މީހެއްގެ ވާހަކައެވެ.

ޣައްޒާގެ ހަބަރުތައް ގެެސްދޭ ގުދުސް ނެޓްވޯކްއިން ބުނެފައިވާގޮތުގައި އަލީ އަލް ކަފަރްނާ އަކީ ދާދި ފަހުން އިސްރާއީލުގެ ޑިޓެންޝަން ކޭމްޕުތަކުން ދޫކޮށްލާފައިވާ ފަލަސްތީނުގެ ޒުވާނެކެވެ. އޭނާ އެތަނުގައި ހޭދަކުރި ދުވަސްތަކުގައި ޣައްޒާގައި ހިނގަމުންދިޔަ ކަންކަން މާބޮޑެއް އޭނާއަަށް ނޭނގުނީ ކަމުގައި ވެދާނެެވެ.

ޖަލުން ސަލާމަތްވެގެން އައިއިރު ދިމާވީ މާ ހިތްދަތިކަމާއެވެ. ކަފްރާނާ އެނބުރި އައިއިރު ޣައްޒާއަށް އިސްރާއީލުން ދިން ހަމަލާތަކުގެ ސަބަބުން އޭނާގެ ހުރިހާ ރަހުމަތްތެރިން ވަނީ ޝަހީދުކޮށްލާފައެވެ.

މިއީ ޔަގީނުންވެސް ބަޔާން ކުރަން އުނދަގޫ އިހުސާސްތަކަކަށް ވާނެެއެވެ.

ގުދުސް ނެޓްވޯކްއިން އާއްމު ކުރި ފޮޓޯ ކޮލާޖެއްގައި ޣައްޒާގައި ޝަހީދުވި އޭނާގެ ރަހުމަތްތެރިންނާއެކު ކުރިން ނަގާފައި ހުރި ފޮޓޯތަކެއް ހިއްސާ ކޮށްފައި ވެއެވެ. އެގޮތުން ހާމަކޮށްފައިވާ ފޮޓޯތަކުން ބަލާނަމަ ޝަހީދުކޮށްލި އޭނާގެ ރަހުމަތްތެރިންގެ އަދަދު ހަތަކަށް އަރައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޝަހީދުވި މީހުންގެ އަދަދު 32،552 އަށް އަރާފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ.

އެެ ވުޒާރާއިން ބުނީ އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ވެސް 74،980 މީހުން ޒަހަމްވެފައިވާ ކަމަށެވެ.