ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސް އިން ޣައްޒާއަށް "ހުއްޓުމެއް ނެތި" އެހީތެރިކަން ފޯރުކޮށްދިނުމަށް އަމުރުކޮށް، އަނެއްކާވެސް އިސްރާއީލުގެ ގަތުލުއާންމު ހުއްޓުވުމަށް އަމުރުކޮށް، އެއާ އެއްގޮތަށް އަމަލުކުރުމާ ބެހޭ ގޮތުން ރިޕޯޓް ކުރުމަށް އެއް މަސް ދުވަހުގެ މުއްދަތެއް ދީފިއެވެ.

ދުނިޔޭގެ ކޯޓުން އާ އަމުރެއް ނެރެފައި މިވަނީ އިސްރާއީލުން ޣައްޒާގައި ޖަރީމާ ހިންގަމުންދާ ކަމަށް ބުނެ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.

އިސްރާއީލުން ދިން ހަމަލާތަކާއި ހަމަލާތަކުގައި ފަލަސްތީނުގެ 32،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އައިސީޖޭގެ ވަގުތީ ފިޔަވަޅުތަކުގައި ބުނެފައި ވަނީ ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ، ހާއްސަކޮށް ބަނޑުހައިހޫނުކަން ފެތުރެމުންދާތީ، ޣައްޒާގެ އެކި ކަންކޮޅުތަކުގައި ފަލަސްތީނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ އެންމެހާ ފަރާތްތަކުން މެދުކެނޑުމެއް ނެތި، އދ.އާ އެކު ފުރިހަމަ އެއްބާރުލުން ދިނުމުގެ ގޮތުން އަޅަންޖެހޭ އަދި ހަރުދަނާ ފިޔަވަޅުތަކެއް އިސްރާއީލުން އަޅަން ވާނެ ކަމަށެވެ.

މި ފިޔަވަޅުތަކުގެ ތެރޭގައި ކާބޯތަކެއްޗާއި ފެނާއި ކަރަންޓާއި ތެލާއި ބޯހިޔާވަހިކަމާއި ފޭރާމާއި ސާފުތާހިރުކަމާއި ނަރުދަމާގެ އިތުރުން ސިއްހީ ސާމާނާއި ބޭސްފަރުވާގެ ކަންކަން ހިމެނެ އެވެ.

އިތުރު ފިޔަވަޅުތައް އެޅުމަށް ގޮވާލާފައިވަނީ ޖެނޯސައިޑް ކޮންވެންޝަންގެ ދަށުން އިސްރާއީލުން ހިމާޔަތްކޮށްފައިވާ ޖަމާއަތެއްގެ ގޮތުގައި ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ އެއްވެސް ހައްގަކަށް އުނިކަން އަންނާނެ ފަދަ އަމަލުތައް އެ ގައުމުގެ އަސްކަރިއްޔާއިން ވަގުތުން ވަގުތަށް ނުކުރުމަށެވެ.

އޭގެ ތެރޭގައި "އެއްވެސް ފިޔަވަޅެއްގެ ޒަރިއްޔާއިން، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓުވައިގެން ނުވުން" ހިމެނޭ ކަމަށް އައިސީޖޭއިން ބުނެއެވެ.

އަދި އިސްރާއީލުން އެޅި ހުރިހާ ފިޔަވަޅެއްގެ ރިޕޯޓެއް އެއް މަސް ދުވަހުގެ ތެރޭގައި އައިސީޖޭއަށް ހުށަހަޅަން ވެސް ކޯޓުން ވަނީ ނިންމައިފައެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލު އާންމާއި ގުޅިގެން މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ޖެނުއަރީ މަހު ފަށާފައިވަނީ 17 ފަނޑިޔާރުންގެ ބެންޗަކުންނެވެ.

އެ ދުވަހު އަޑުއެހުމުގައި ކޯޓުން ވަނީ ޣައްޒާއަށް އިންސާނީ އެހީ ވެއްދުމަށް އަމުރު ކޮށްފައެވެ. ދެން ކޯޓުން އަމުރު ކޮށްފައިވަނީ "ހަމަލާތައް ހުއްޓާލުމަށް އިސްރާއީލަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް" ކުރުމަށެވެ.

އައިސީޖޭއިން ކުރި އަމުރުތައް:

  • 17 ފަނޑިޔާރުންގެ ތެރެއިން 15 ފަނޑިޔާރުންގެ އިއްތިފާގުން ވަނީ އިސްރާއީލުން ފަލަސްތީނާއި ދެކޮޅަށް ހިންގާ ޖަރީމާތައް ހުއްޓުވުމަށް އިސްރާއިލުން އަޅަން ޖެހޭ ފިޔަވަޅެއް އެޅުމަށް އަމުރު ކޮށްފައި
  • 15 ފަނޑިޔާރުން ވަނީ އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގައި އެއްވެސް ޖަރީމާއެއް ނުހިންގޭނެ ކަށަވަރު ކުރުމަށް އަމުރު ކޮށްފައި
  • 16 ފަނޑިޔާރުން ވަނީ ފަލަސްޠީނުގެ ރައްޔިތުން މެރުމަށް އަދި ރައްޔިތުން މެރުމަށް ހިތްވަރު ދިނުން ހުއްޓުވައި އެފަދަ ވާހަކަތައް ދައްކާ ފަރާތްތަކަށް އިސްރާއީލުން ފިޔަވަޅު އަޅަން އަމުރު ކުރި
  • 16 ފަނޑިޔާރުން ވަނީ އިސްރާއީލުން ޣައްޒާއަށް ބޭނުންވާ ޒަރޫރީ ހިދުމަތްތަކާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނެކަން ކަށަވަރު ކުރުމަށް އަމުރު ކޮށްފައި
  • 15 ފަނޑިޔާރުން ވަނީ އިސްރާއީލުން މީހުން ގަތުލު ކުރާ ކަމަށް ބުނެ ދެކެވެމުން އަންނަ ވާހަކަތަކާއި ގުޅުންހުރި ހެކިތައް ހިމާޔަތް ކުރުމަށް އަމުރު ކޮށްފައި
  • 15 ފަނޑިޔާރުން ވަނީ ކޯޓުން ކުރި އަމުރުތަކަށް އިސްރާއީލުން ތަބާވާކަން އަންގައިދޭ ރިޕޯޓެއް މަހެއްހާ ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހަޅަން އަމުރު ކޮށްފައި

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސޭކިސްޓް

    މިކަންކަން ނުކޮށްފިއްޔާ އިޒުރޭލަށް އަޅާނެ ފިޔަވަޅެއްގެ ވާހަކައެއް ނެތް. ހުސް މަކަރު އާލާތްގަނޑެއް މިއީ.

  2. ކާފަބޭ2020

    ތިޔަށްމީހުންކިޔާއުޅެނީ ޖަމަލުފޮޑިޖެހުން

  3. ކަށިކެޔޮ އާދަނު

    ތިޔައީ ޖުހާ ކުރާކަހަލަ އެންގުމާއި އަމުރު!!!

  4. ކަށިކެޔޮ އާދަނު

    ދުއާ ކޮށްކޮށްވެސްވަރުބަލިވެއްޖެ. ދުނިޔޭގެ ކޯޓުންނާއި އދ މަޖިލީހުންވެސް ގަރާރުތައްފާސްކޮށްކޮށް ވަރުބަލިވެއްޖެ. ހަރާމުންހަރާމްވާކަމެއް !!