ނިރުބަވެރި އިސްރާއީލުން ހަމާސްގެ ލީޑަރު އިސްމާއިލް ހާނިޔޭގެ ދައްތަ ހައްޔަރުކޮށްފިއެވެ.

ނިރުބަވެރިން އިސްމާއިލް ހާނިޔޭގެ ދައްތަ ހައްޔަރުކޮށްފައި ވަނީ ހަމާސްއާ ގުޅުން ބާއްވާ ކަމާއި މުޖާހިދުންގެ އަމަލުތަކަށް ތާއީދުކުރާ ކަމަށް ތުހުމަތުކުރެވޭތީ ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

އިސްލާރީލުގެ ފުލުހުން ބުނެފައިވާ ގޮތުގައި އެ މީހުން ހިންގި ރެއިޑެއްގެ ތެރެއިން ހައްޔަރުކޮށްފައިވަނީ 57 އަހަރުގެ އަންހެނެއް ކަމަށެވެ. އޭނާގެ ވަނަވަރު އާންމުކޮށްފައެއް ނުވެއެވެ. އެ އަންހެން މީހާ ދިރިއުޅެމުން ދިޔައީ އިސްރާއިލުގެ ދެކުނުގެ އަވަށެއް ކަމަށްވާ ތެލް ޝެވާގައި ކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ.

ރެއިޑްގެ ތެރެއިން އެ އަންހެން މީހާ ދިރިއުޅުނު ގެ ބަލާ ފާސްކުރިއިރު ގައުމީ ސަލާމަތަށް ނުރައްކާފަދަ ލިޔެކިއުންތަކާއި ފޯނާއި އަދި އިތުރު ހެކިތައް ވެސް ފެނިފައިވާ ކަަމަށް އިސްރާއީލްގެ ފުލުހުން ބުނެފައިވެއެވެ.

އެ އަންހެން މީހާ މިިއަދު ބީރްޝަބާ ކޯޓަށް ބަންދުގެ މުއްދަތުގެ ޖެހުމަށް ގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ހަމަލާ ދޭން ފެށީ ހަމާސްގެ މުޖާހިދުންތަކެއް އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް އަރައި ދިން ވަރުގަދަ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. ހަމާސް ނައްތާލަން ކަމަށް ބުނެ ފެށި އޮޕަރޭޝަނުގައި އިސްރާއީލުން ޝަހީދުކުރަމުން ދަނީ ފަލަސްތީނުގެ އާންމުންނެވެ. އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ޣައްޒާގައި މުޖާހިދުންނާއި ނިރުބަވެރިން ދެމެދު ހަމަލާތައް ބަދަލު ކުރަމުން އަންނައިރު، ނިރުބަވެރިން ވަނީ ޣައްޒާގެ ބޮޑު ބައެއް ސުންނާފަތިކޮށްލައިފައެވެ. މުޖާހިދުން ވެސް ދަނީ ޣައްޒާ ދިފާއުކުރުމުގެ ގޮތުން ހަނގުރާމަކުރަމުންނެވެ.