ފަލަސްތީނުގެ ޣައްޒާގެ ރަފަހް އަށް އެއްގަމު މަގުން އެރުމާއި މެދު އެމެރިކާ އާއި އެކީ މަޝްވަރާތަކެއް މިއަދު ކުރިއަށް ގެންދަން ރޭވިފައިވާ ކަމަށް ޔަހޫދީންގެ ދައުލަތުން ބުނެފިއެވެ.

މި ބައްދަލުވުން ކުރިއަށްދާނީ އޮންލައިން ކޮށް ކަމަށާއި، މި ބައްދަލުވުމުގައި ދެ ގައުމުގެ ސަރުކާރުގެ ވެސް އިސްވެރިން ބައިވެރިވާނެ ކަމަށް ޔަހޫދީންގެ ދަައުލަތުން ބުނެފައިވެއެވެ. އިސްރާއީލުން ރަފަހް އަށް އެއްގަމު މަގުން އަރާނެ ކަމަށާއި، މި ބައްދަލުވުމުގެ މަގުޞަދަކީ ރަފަހްގެ އަސްކަރީ އޮޕަރޭޝަން ހުއްޓާލުން ނޫން ކަމަށް އިސްރާއީލުގެ މަސްދަރަކާއި ހަވާލާދީ އޭ އެފް ޕީ ނިއުސް އިން ވަނީ ރިޕޯޓު ކޮށްފައެވެ.

އިސްރާއީލާއި އެ ގައުމަށް ހުރިހާ ގޮތަކުން ވެސް އެންމެ ބޮޑަށް އެހީތެރިކަންދޭ އެމެރިކާގެ ވެރިން އަދި ފަހުން އެއްތާކުން ބައްދަލުކުރަން ހަމަޖެހިފައިވާ ކަމަށްވެސް ޔަހޫދީންގެ ދައުލަތުން ވަނީ މައުލޫމާތު ދީފައެވެ.

މި ބައްދަލުވުމުގެ ހަފްތާ އެއް ކުރިން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އިސްރާއީލުން އެމެރިކާ އަށް މަޝްވަރާތަކަށް ދާން އޮތް ރަސްމީ ވަފުދުގެ ދަތުރު ކެންސަލް ކޮށްފައެވެ.

ޔަހޫދީން އެ ދަތުރު ކެންސަލް ކުރީ އދ ގެ ސަލާމަތީ މަޖިލީހުން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންދާ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ފާސް ކުރި ގަރާރުގައި އެމެރިކާ އިން ވޯޓުލާފައި ނުވާތީއާއި އެ ގަރާރު ވީޓޯ ކޮށްފައި ނުވުމުގެ ސަބަބުންނެވެ.

އެމެރިކާ އިން ވަނީ އެ ގަރާރުގެ ކުރިން އިސްރާއީލާއި ދެކޮޅަށް ހުށައެޅުނު ހުރިހާ ގަރާރެއް ވީޓޯ ކޮށްފައެވެ. އެމެރިކާ އިން ބުނެފައިވަނީ ފަހުން ހުށައެޅި ގަރާރު ފާސްކުރުމަށް ނެގި ވޯޓުގައި އެ ގައުމުން ބައިވެރިނުވީ އެ ގަރާރުގައި އެމެރިކާ އިން ގަބޫލުނުކުރާ ބައެއް ކަންކަން ހުރުމުން ކަމަށެވެ.