ފަލަސްތީނުގެ ޣައްޒާއަށް އެހީ ފޯރުކޮށްދެމުން ދިޔަ ވޯލްޑް ސެންޓްރަލް ކިޗަންގެ އެހީ ގާފިލާއަށް އިސްރާއީލުން ހަމަލާ ދިނީ ގަސްތުގައި ކަމަށް އަލް ޖަޒީރާގެ ތަހުގީގީ އިދާރާ، ސަނަދު ވެރިފިކޭޝަން އެޖެންސީން ކުރިއަށް ގެންދިޔަ ތަހުގީގުން ހާމަ ވެެއްޖެއެވެ.

ޣައްޒާގެ މެދުތެރޭގެ ރާޝިދު މަގުގައި ދަތުރު ކުރަމުން ދިޔަ އުޅަނދަކަށް އިސްރާއީލުން ބޮން އަޅާފައިވާ ކަމަށް ހޯމަ ދުވަހުގެ ރޭ ޣައްޒާގެ ގަޑިން 10:43ގައި ނޫސްވެރިން ވަނީ ރިޕޯޓު ކޮށްފައެވެ.

އިސްރާއީލުގެ އަނިޔާވެރި ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެ ހަމަލާ ދިނީ އިސްރާއީލުގެ އަސްކަރިއްޔާއިން ކަމަށް އެއްބަސްވެފައެވެ. ނަމަވެސް "ޣައްޒާގައި ކުށެއް ނެތް ބަޔަކަށް ދެވުނު ހަމަލާއާކީ އޮޅިގެން ދެވުނު ހަމަލާ އެއް" ކަމަށާއި، "ހަނގުރާމައިގައި އެފަދަ ކަންތައްތައް ހިނގާނެ" ކަމަށް އޭނާ ބުނެފައި ވެއެވެ.

ނަމަވެސް ސަނަދްއިން ކުރިއަށްގެންދިޔަ ތަހުގީގުތަކުން ހާމަވެފައިވާ ގޮތުގައި، އެ ހަމަލާތައް ދީފައިވަނީ ގަސްތުގައެވެ. އެގޮތުން އެކިއެކި މަސްދަރުތަކުގެ މައުލޫމާތާއި، މަންޒަރު ދުށް ފަރާތްތަކުގެ ބަހާއި، ހަމަލާ ދެވުނު ސަރަހައްދުގެ ފޮޓޯތަކުގެ އެހީގައި ކަން ހިނގައިދިޔަ ގޮތުގެ ޓައިމްލައިނެއް ވަނީ އެކުލަވާލައިފައެވެ.

ވޯލްޑް ސެންޓްރަލް ކިޗަން އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 100 ޓަނުގެ ކާނާގެ އެހީ ޑެލިވަރ ކުރުމަށްފަހު އެ ޖަމިއްޔާގެ މުވައްޒަފުން ދިޔައީ ދީރުލް ބަލަހްއިން ނުކުންނަން ކަމަށާއި، އެ ޖަމިއްޔާގެ ހަރަކާތްތައް ކުރިއަށް ގެންދިޔައީ އިސްރާއީލުގެ އަސްކަރިއްޔާއާ ކޯޑިނޭޓް ކޮށްގެން ނަމަވެސް އެ ގާފިލާއަށް ބޮން އަޅާފައިވާ ކަމަށެވެ.

އިސްރާއީލުން ވަނީ ވޯލްޑް ސެންޓްރަލް ކިޗަންއަށް ނިސްބަތްވާ ތިން އުޅަނދަކަށް ބޮން އަޅާފައެވެ. ބޮން އަޅާފައިވަނީ ފަހަރަކު އުޅަނދަކަށެވެ. ފުރަތަމަ ހަމަލާއިން ސަލާމަތްވި މުވައްޒަފުން އެހެން އުޅަނދަކަށް އަރައިގެން ދަނިކޮށް ދެވަނަ ފަހަރަށްވެސް އެ މީހުންނަށް ހަމަލާދިނެވެ. އެ ހަމަލާތަކުގައި އެކި ގައުމުތަކަށް ނިސްބަތްވާ އެ ޖަމިއްޔާގެ 7 މުވައްޒަފުން ވަނީ މަރާލާފައެވެ.

މަންޒަރު ދުށް ފަރާތަކުން ބުނެފައިވަނީ ފުރަތަމަ އުޅަނދަށް ހަމަލާ ދިނުމުން އެ އުޅަނދު އެކުގައި އަނދާފައިވާ ކަމަށާއި އެ އުޅަނދުން ޒަހަމްވީ މީހުން އެހެން އުޅަނދަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ދެވަނަ އުޅަނދަށް ހަމަލާ ދީފައިވަނީ ފުރަތަމަ އުޅަނދަށް ހަމަލާ ދިން ތަނާއި 800 މީޓަރު ދުރުންނެވެ. އަދި ތިން ވަނަ އުޅަނދަށް ހަމަލާ ދީފައިވަނީ ދެވަނަ އުޅަނދު އޮތް ތަނާއި 1.6 ކިލޯމީޓަރު ދުރުންނެވެ.

ހަމަލާ ދީފައިވާ އުޅަނދުތަކުގެ ފޮޓޯތަކަށް ބަލާއިރު، އުޅަނދުތަކުގެ މަތީގައި ވޯލްޑް ސެންޓްރަލް ކިޗެން ގެ ލޯގޯވެސް ޖަހާފައިވެއެވެ.

އިސްރާއީލުގެ މި ހަމަލާ ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ކުށްވެރި ކުރަމުންނެވެ.