ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގައި އަލް ޖަޒީރާ ނޫސް މަނާކުރަން އުޅޭތީ ޖަރުމަނުވިލާތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޖަރުމަނު ވިލާތުން ވަނީ އިސްރާއީލުގެ ހަރުކަށި ސަރުކާރުން އަލަށް ފާސްކުރި ގާނޫނުގެ ހަގީގީ މަގުސަދާއި މެދު ސުވާލު އުފައްދާފައެވެ. ޔަހޫދީންގެ ދައުލަތުން ވަނީ ބޭރުގެ ގައުމުތަކުގެ މީޑިއާ ތައް އިސްރާއީލުގައި ހަރަކާތްތެރިވުން މަނާ ކުރެވޭނެ ގޮތަށް ބޮޑުވަޒީރަށް ބާރުދީ ގާނޫނެއް ފާސްކޮށްފައެވެ

މިނިވަން މީޑިއާ އަކީ ޑިމޮކްރަސީއެއް ފައްކާވެ ރަނގަޅަށް ހިނގައިގަތުމަށް ވަރަށް މުހިއްމު އަސާސެއް ކަމަށާއި، މިނިވަން މީޑިއާ އަށް ހުރަސް އެޅުމަކީ ޑިމޮކްރަސީގެ ރީތި ހަމައެއް ނޫން ކަމަށާއި، އަދި އެއީ ޑިމޮކްރެޓިކް ސިޔާސީ ނިޒާމެއް އޮންނަ ގައުމަކުން އަމަލުކުރަންވާނެ ގޮތް ނޫން ކަމަށް ވެސް ޖަރުމަނުވިލާތުގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

" އިސްރާއީލުގެ މި ގާނޫނަކީ ހަމަ ގައިމުވެސް އަހަރެމެން އެންމެން ކަންބޮޑުވާ ގާނޫނެއް. މިނިވަން މީޑިއާ ނެތް މުޖުތަމައެއް ދެކޭ ކަށް ޑިމޮކްރަސީ އަށް ލޯބިކުރާ އެއްވެސް ގައުމަކުން ބޭނުމެއް ނުވާނެ." ޖަރުމަނުވިލާތުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ސެބަސްޓިއަން ފިޝާ އަލް ޖަޒީރާއަށް ދިން އިންޓަވިއު އެއްގައި ބުނެފައިވެއެވެ.

އިސްރާއީލްގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އަލް ޖަޒީރާ އަކީ ނިރުބަވެރި މީޑިއާ އެއް ކަމަށާއި އަދި ނިރުބަވެރިކަމަށް ތާއީދުކުރާ މީޑިއާއެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ނަޔަންޔާހޫގެ މި ތުހުމަތުތަކަށް ޖަރުމަނިުވިލާތުން ވެސް ތާއީދުކުރަންތޯ އަލްޖަޒީރާ އިން ކުރި ސުވާލަށް ޖަވާބު ދެމުން ޖަރުމަނުވިލާތުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ސެބަސްޓިއަން ފިޝާ ބުނެފައިވަނީ އަލް ޖަޒީރާ އަކީ ނިރުބަވެރި މީޑިއާ އެއް ނުވަތަ ނިރުބަވެރިންނަށް އެހީތެރިވާ މީޑިއާ އެއް ކަަމަށް ޖަރުމަނުވިލާތުން ގަބޫލު ނުކުރާ ކަމަށެވެ. އަދި ޖަރުމަނުވިލާތުގެ ސަރުކާރުގެ ވެރިން މީގެ ކުރިން ވެސް ވާނީ އަލް ޖަޒީރާ އަށް އިންޓަވިއުތައް ދީފައި ކަމަށާއި، އަލް ޖަޒީރާ އަކީ ނިރުބަވެރި މީޑިއާ އެއްނަމަ ޖަރުމަނުވިލާތުގެ ސަރުކާރުގެ ވެރިން އަލް ޖަޒީރާ އަށް އިންޓަވިއު އެއް ނުދޭނެ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

އަލްޖަޒީރާ އަކީ އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ދުނިޔެއަށް ހާމަކުރަން އެންމެ ބޮޑަށް މަސައްކަތް ކުރާ އެއް ނޫހެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަހުރަބު

    ކޮން ކަންބޮޑުވުމެކޭ ކިޔާކަށް ތި ޖަރުމަނުވެސް ތީ ޤަތުލުޢާއްމުގެ އެއް ބައިވެރިޔާ ހުޅަނގުގަ ތިބީ ހުސް މުނާފިޤުން

    15
  2. އަލިބެ...

    މިމީހުންވެސް އާރު.ޓީ މަނާކޮށްގެން ތިބީ. ތީ ހަމަ އެއްބައެއް.