އޮސްޓްރޭލިއާއަށް އީދު ވާނީ ބުދަ ދުވަހު ކަމަށް އެގައުމުގެ ފަތުވާ ކައުންސިލުން އިއުލާނު ކޮށްފިއެވެ.

އޮސްޓްރޭލިއާގެ ފަތުވާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަމަޟާން މަހުގެ ފަހު ދުވަހަކަށް ވާނީ އޭޕްރިލް މަހުގެ 9 ވަނަ ދުވަސް ކަމަށާއި. އެހެން ކަމުން އީދު ދުވަހަށް ވާނީ ބުދަ ދުވަސް ކަމަށެވެ.

ފަތުވާ ކައުންސިލުން ބުނީ ފިތުރު އީދުގެ ތާރީޚް ކަނޑައަޅަނީ އިރުއޮއްސުމުގެ ކުރިން ހަނދު ހިސާބުކުރެވިފައިވާ ގޮތާއި، އިރު އޮއްސުމަށްފަހު ހަނދު އޮއްސޭ މުއްދަތާއި، ހަނދު ފެނުމުގެ ފުރުޞަތު އޮތް މިންވަރަށް ބަލައިގެން ކަމަށެވެ.

އޮސްޓްރޭލިއާއަށް އީދު ދުވަހަކީ ބުދަ ދުވަސް ކަން އިއުލާނު ކޮށްފައިވާއިރު، ބައެއް ގައުމުތަކުން މިހާރު އަންނަނީ ޝައްވާލު މަހުގެ ހަނދު ބެލުމުގެ ކަންކަން ކުރިއަށް ގެންދަމުންނެވެ.