ޣައްޒާއަށް ވައިގެ މަގުން އެހީ ފޮނުވުމުގެ ހުއްދަ އިސްރާއީލު ސަރުކާރުން ނުދިނުމުން، ޣައްޒާގައި ހަނގުރާމަ ހުއްޓާލައި އެހީ އިތުރު ކުރެވެންދެން އިސްރާއީލަށް މުދާ އެކްސްޕޯޓް ކުރުން މަނާކުރާނެ ކަމަށް ތުރުކީން ބުނެފިއެވެ.

ތުރުކީގެ ޓްރޭޑް މިނިސްޓްރީން ބުނެފައިވަނީ ދަގަނޑު އަދި ސްޓީލްގެ ބާވަތްތަކާއި، ޖެޓް ފިއުލާއި، ކޮންސްޓްރަކްޝަން އާލާތްތަކާއި، މެޝިން، ސިމެންތި، ގްރެނައިޓް، ކެމިކަލް، ޕެސްޓިސައިޑް އަދި ގާ ހިމެނޭ ގޮތަށް 54 ކެޓަގަރީއެއްގެ ތަކެތި އިސްރާއީލަށް މިހާރު ނުފޮނުވާނެ ކަމަށެވެ.

އިސްރާއީލުން ދަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފުވެ، ބައިނަލްއަގުވާމީ މުޖުތަމައަށް އިހުމާލުވަމުން،" ޓްރޭޑް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ. އަދި އިސްރާއީީލުން މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލަން އިއުލާނުކޮށް، ޣައްޒާއަށް އެކަށީގެންވާ އަދި މެދުކެނޑުމެއް ނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ދެންދެން މި ނިންމުން ދެމިއޮންނާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ތުރުކީގެ މި އިއުލާނަށް ރައްދު ދެމުން އިސްރާއީލުގެ ޚާރިޖީ ވަޒީރު އިސްރާއީލް ކާޓްޒް ބުނެފައިވަނީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަނެއްކާވެސް ތުރުކީގެ ރައްޔިތުންގެ އިގްތިސޯދީ މަސްލަހަތު ގުރުބާން ކުރައްވަމުން ގެންދަވަނީ ޣައްޒާގެ ހަމާސްގެ މީހުން މަރާ މީހުންނަށް ތާއީދު ކުރާތީ ކަމަށެވެ.

އަދި އިސްރާއީލުން "ތުރުކީގެ އިގުތިސޯދަށް ގެއްލުންވާނެ ފަދަ ފިޔަވަޅުތައް އަޅާނެ" ކަމަށް އޭނާ ބުނެފައި ވެއެވެ.

އެގޮތުން ތުރުކީގެ ބައެއް އިމްޕޯޓްތައް މަނާކުރުމާއި، ތުރުކީގައި އިންވެސްޓްކުރުން ހުއްޓާލުމަށް އެމެރިކާގެ ޖަމިއްޔާތަކަށް އެންގުމާއި، ތުރުކީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް "އެމެރިކާގެ ކޮންގްރެސްގައި ތިބި އަހަރެމެންގެ ރަހުމަތްތެރިންނަށް" ގޮވާލުން ފަދަ "ތުރުކީގެ އިގްތިސާދަށް ގެއްލުންވާނެ ފަދަ ފިޔަވަޅުތައް" އިސްރާއީލުން އަޅާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

ވިޔަފާރީގެ ފިޔަވަޅުތައް އިއުލާނުކޮށްފައި މިވަނީ ތުރުކީގެ ކާގޯ އަސްކަރީ މަތިންދާބޯޓުތަކުން ޣައްޒާއަށް ވައިގެ މަގުން އެހީ ފޯރުކޮށްދިނުމަށް އިސްރާއީލުން ހުރަސް އެޅުމާއި ގުޅިގެން ތުރުކީން އިސްރާއީލާ ދެކޮޅަށް "ފިޔަވަޅަކުން ފިޔަވަޅެއް" ބަދަލު ހިފާނެ ކަމަށް ވައުދުވިތާ އެއް ދުވަސް ފަހުންނެވެ.

އުރުދުޣާން ވިދާޅުވީ ޣައްޒާގައި ހިނގަމުންދާ ލޭއޮހޮރުވުން ހުއްޓާލައި، 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް އިރުމަތީ ގުދުސް އަކީ އެ ގައުމުގެ ވެރިރަށް ކަމުގައިވާ މިނިވަން ފަލަސްތީނުގައި ދިރިއުޅެންދެން ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް އެއްބާރުލުން ދެމުން ގެންދަވާނެ ކަމަށެވެ.

އިސްރާއީލާއި ތުރުކީން ވަނީ ހަނގުރާމަ ފެށުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ގައުމުތަކުގެ ވެރިރަށުން ސަފީރުން އަނބުރާ ގެންގޮސްފަ އެވެ.

އިސްރާއީލަކީ ޓެރަރިސްޓް ދައުލަތެއް ކަމަށް އުރުދުޣާން ސިފަކުރެއްވުމާއި، އިސްރާއީލާއި ފަލަސްތީނުގެ މައްސަލައަށް ދެ ދައުލަތުގެ ހައްލެއް ހޯދުމަށް ތުރުކީން ތާއީދުކުރާކަން ފާހަގަކުރެއްވުމާއި، ބައިނަލްއަގްވާމީ ކޯޓް އޮފް ޖަސްޓިސްގައި ބޭއްވި އަޑުއެހުމެއްގައި އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް އެތައް އަހަރެއް ވަންދެން ވެރިވެގަތުން ކުށްވެރިކުރެއްވުމާއި ގުޅިގެން ދެ ގައުމުގެ ދެމެދުގައި ވަނީ ބަހުގެ ހަނގުރާމައެއް އުފެދިފަ އެވެ.

ތުރުކީގެ އެކްސްޕޯޓާސް އެސެމްބްލީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން އަންކާރާއިން އަންގާރަ ދުވަހާ ހަމައަށް އައިއިރު އިސްރާއީލާއި ދެކޮޅަށް ހަގީގީ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާއިރު، އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ވިޔަފާރިތައް ދަށަށް ގޮސްފައިވީ ނަމަވެސް މި އަހަރުގެ މިހާތަނަށް ކޮންމެ މަހަކު ވެސް އެކްސްޕޯޓު ވަނީ އިތުރުވެފަ އެވެ.

އިސްރާއީލުގެ މެނުފެކްޗާސް އެސޯސިއޭޝަން އޮފް އިސްރާއީލުގެ ރައީސް ރޮން ޓޮމަރއާ ހަވާލާދީ އިސްރާއީލުގެ އާމީ ރޭޑިއޯއިން އަންގާރަ ދުވަހު ބުނެފައިވަނީ އިސްރާއީލުން އެތެރެކުރާ ސިމެންތި، ސްޓީލް އަދި މާބްލްގެ 50 އިންސައްތަ އަކީ ތުރުކީން އެތެރެކުރާ ތަކެތި ކަމަށެވެ.

ހަނގުރާމައިގެ ދުވަސްވަރު އިސްރާއީލާއިި އެކު ވިޔަފާރީގެ ގޮތުން ތުރުކީ ސަރުކާރުން ގުޅުން ބަދަހިކުރި ކަމަށް ބުނެ، ތުރުކީ ސަރުކާރަށް އެތެރޭގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، މިއީ މާޗް މަހުގެ ފަހުކޮޅު ބޭއްވި ލޯކަލް އިންތިހާބުތަކުން ބޮޑު ނާކާމިޔާބީއެއް ލިބުމަށް މަގުފަހިވި ސަބަބެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެ އެވެ.

ހިތާމައަކީ ޣައްޒާގެ މައްސަލަ ފަދަ މައްސަލައެއްގައި ވެސް، އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށް، އަގު ދެއްކުމުން ވެސް، ސިޔާސީ ހަމަލާތައް ހުއްޓުވައި، ބައެއް މީހުންނަށް ވިސްނައިދިނުމުގައި ފެއިލްވީކަން،" އިންތިހާބަށް ފަހު އުރުދުޣާން އާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ބުނެފައިވެ އެވެ.