ޔޫކުރޭނާއި ރަޝިއާ އާއި ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ޔޫކުރޭނަށް އެހީވުމަށް ޖަރުމަނުވިލާތުން މަޝްހޫރު ވައިގެ ދިފާއީ ނިޒާމެއް ކަމަށްވާ ޕެޓްރިއޮޓް ނިޒާމެއް އެ ގައުމަށް ދީފިއެވެ.

ޕެޓްރިއޮޓް ވައިގެ ދިފާއީ ނިޒާމަކީ އެމެރިކާގެ އަސްކަރިއްޔާ އިން އުފައްދާފައިވާ މޮޅު ވައިގެ ދިފާއީ ނިޒާމެކެވެ. މި ދިފާއީ ނިޒާމަކީ އެކި ކަހަލަ ކުރޫޒް މިސައިލްތަކާއި ކުރު ރާސްތާގެ ބެލިސްޓިކް މިސައިލްތައް ހުއްޓުވުމުގެ ޤާބިލްކަން ލިބިފައިވާ ނިޒާމެކެވެ. އަދި މި ނިޒާމަކީ ހަނގުރާމައިގައި އެމެރިކާ އިން ޓެސްޓުކޮށްފައިވާ ނިޒާމެއް ކަމުން މި ނިޒާމަށް ކުރެވޭ އިތުބާރު ބޮޑު ކަމަށް ޔޫކުރޭނުގެ އަސްކަރިއްޔާ އާއި ހަވާލާދީ އެ ގައުމުގެ މީޑިއާ އިން ވަނީ ރިޕޯޓްކޮށްފައެވެ.

ޖަރުމަނުވިލާތުން ޕެޓްރިއޮޓް ވައިގެ ދިފާއީ ނިޒާމެއް ޔޫކުރޭނަށް ހަދިޔާ ކޮށްފައި މިވަނީ ރަޝިއާ އިން ޔޫކުރޭނަށް ދެމުންދާ މިސައިލް ހަމަލާތައް ވަރަށް ގިނަ ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ރަޝިއާގެ މޮޅު މިސައިލްތައް ހުއްޓުވުމުގެ ކުޅަދާނަ ކަމެއް ޔޫކުރޭނަކަށް ލިބިފައެއް ނުވެއެވެ. މީގެ ސަބަބުން ފާއިތުވިދިޔަ ދުވަސްތަކުގައި ޔޫކުރޭނުގެ އަސްކަރިއްޔާގެ ވަރަށް މުހިއްމު އަމާޒުތަކަށް މިސައިލް ހަމަލާތައް ވަނީ އަރާފައެވެ.

ޔޫކުރޭނުގެ އަސްކަރިއްޔާގެ ވެރިޔާ އޮލެކްޒެންޑަރ ސިރިސްކީ ވަނީ ޔޫކުރޭނުގެ އަސްކަރިއްޔާ އަށް ރަޝިއާގެ އަސްކަރިއްޔާގެ ހަމަލާތަކުން ދިފާއުވާން އުދަނގޫތަކަކާއި ކުރިމަތިވެފައިވާ ކަމަށާއި އެ ގައުމުގެ އަސްކަރިއްޔާ އަށް ވަރަށް އަވަހަށް ހުޅަނގުގެ އަސްކަރީ އެހީތެރިކަން ބޭނުންވާ ކަމަށް ބުނެފައެވެ.

" އަހަރެމެންނަށް މަޑުކުރެވޭކަށް ނެތް. ރަޝިއާ އިން މަޑެއް ނުކުރޭ. ރަޝިއާގެ އަސްކަރިއްޔާ އިން މަޑެއް ނުކުރޭ. އެމީހުން އެ ދަނީ ކުރިއަށް. އަހަރެމެންނަށް މުހިއްމު ސަރަހައްދުތަކެއް އަނެއްކާ ވެސް ރަޝިއާގެ ބާރުގެ ދަށަށް ދިއުމުގެ ކުރިން އަވަހަށް ހަތިޔާރު ފޮނުވައިދީ." ޔޫކުރޭނުގެ އަސްކަރިއްޔާގެ ވެރިޔާ އޮލެކްޒެންޑަރ ސިރިސްކީ ބުނެފައި ވެއެވެ.

ރަޝިއާ އިން އެ ގައުމުގެ ސަރަހައްދީ ސުލްހަ އާއި މަސްލަހަތު ރައްކާތެރިކުރުމަށް ކަމަށް ބުނެ ޔޫކުރޭނަށް ހަމަލާދީފައިވަނީ 2022 ވަަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. ހަނގުރާމަ އަށް 2 އަހަރު ފުރި 3 ވަނަ އަހަރަށް އަޅާފައިވާ އިރު ރަޝިއާ އިން ވަނީ ޔޫކުރޭނުގެ ބޮޑު 5 ސަރަހައްދެއް އެ ގައުމުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަދުރޭ

    ޔޫކުރޭން އާއި ހަމަ އައް ތި ޔަ ޓޭންކަރުތައް ފޯރުމުގެ ކުރިން ތި އެއްޗެހި ގޮއްވާ ލުމުގެ ކުޅަދާނަކަން ރަޝިޔާ އައް ލިބިގެންވޭ. ތި އެންނެންގެ އާރާއި ބާރު ގެއްކެނީ.