އެމެރިކާ އިން ޣައްޒާގައި އަޅާ ފާލަމުގެ މަސައްކަތް ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި ނިމޭނެ ކަމަށް އެމެރިކާ އިން ބުނެފިއެވެ.

ޔަހޫދީންގެ ޣައިރު ގާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންދާ އަނިޔާވެރި ހަމަލާތަކުގައި ހާލުގައި ޖެހިފައިތިބި ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އެހީ ކަނޑުމަގުން ފޯރުކޮށްދިނުމުގެ ނިޔަތުގައި އެމެރިކާގެ އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގައި އަޅާ ފާލަން ދެތިން ހަފްތާއެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެމެރިކާގެ އަސްކަރިއްޔާ އަށް ހަވާލާދީ އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ވަނީ ބުނެފައެވެ.

ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ޖޯން ކާބީ އޭބީސީ ނިއުސް އަށް ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ އެމެރިކާ އިން ޣައްޒާގައި އަޅަމުންދާ ފާލަން ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި ނިމޭނެ ކަމަށެވެ. އަދި މި ފާލަމަކީ ސީދާ އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ އިރުޝާދުގެ ދަށުން އަޅަމުންދާ ފާލަމެއް ކަމަށާއި މި ފާލަމުގެ ހުރިހާ މަސައްކަތެއް ވެސް ކޮށްފައިވަނީ އެމެރިކާގެ އަސްކަރިއްޔާގެ ސިފައިން ކަމަށްވެސް ކާބީ ބުނެފައި ވެއެވެ.

ކަނޑުގައި ހުޅުވިގެން މިދާ އެހީ ދިނުމުގެ މަގުން ޣައްޒާ އަށް ވަރަށް އަވަސް އަވަހަށް އެހީ ވެއްދޭނެ ކަމަށާއި ނަމަވެސް އަދި ވެސް ޣައްޒާ އަށް އެހީ ވައްދަން އޮތް އެންމެ ރަނގަޅު އަދި އަވަސް ގޮތަކީ އެއްގަމު މަގުން ޓުރަކްތަކުގެ އެހީގައި އެހީގެ ސާމާނު ވެއްދުން ކަމަށް ކާބީ ބުނެފައި ވެއެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 34،000 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އަދި އެކި ވަރުފެ ޒަހަމްތައް ލިބިފައިވާ މީހުންގެ އަދަދު ވަނީ 70،000 އަށް ވުރެ މައްޗަށް އަރާފައެވެ. ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާގެ އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ ޣައްޒާ އިން މިލިއަނެއްހާ މީހުން ވަނީ ގެދޮރު ގެއްލި ރެފިއުޖީންނަށް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކައިދާ

    ކީކޭ ބުނާނީ އެއްކޮޅުން ހަމަލާ ދިނުމަށް ވާރުދީ ހަތިޔާރާ އެހީ ދެނީ

  2. Anonymous

    ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 34،000 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުވެފައެވެ
    މިހެން ބުނުމުން ހީވަނީ އެމީހުން އަމިއްލައަށް ޝަހީދުވީހެން. ގިނަ ބަޔަކީ ޒައިނިސްޓުން ޝަހީދުކޮށްލާފައިވާ ކުށެެއްނެތް ޢާމުން. ޝަހީދުވާނީ ހަނގުރާމަކުރާމީހުން

    3
    0
  3. ކަރީމު

    މިއުޅެނީ ފާލަމެއް ނޭޅިގެންތަ؟

  4. ޜައްޔިތުމީހާ

    ފަލަސްތީން ސަރަހައްދުގަވާ ނެޗުރަލްގޭސް ވަޅެއް ހިސޯރުކުރުމައްޓަކާ އެމެރިކާއަދި އިޒުރޭލް ގުޅިގެން ހިންގާޖަރީމާއެއް މިކަމައް ހިއްވަރުދެނީ ހުޅަންގުގެ ގައުމުތަކުން ނާއި ބައެއް އަރަބި ގައުމުތަކުން