ދުބާއީ އިން 35 ބިލިއަން ޑޮލަރުގެ އެއާޕޯޓް ޓާމިނަލެއްގެ މަސައްކަތް ފަށައިފިއެވެ.

އެ ޓާމިނަލްގެ މަސައްކަތް ނިމުމުން އެއީ ޖާގައިގެ ގޮތުން ދުނިޔޭގައި އޮތް އެންމެ ބޮޑު ޓާމިނަލަށް ވާނެ ކަމަށް ދުބާއީގެ ބޮޑު ވަޒީރު ވަނީ ވިދާޅުވެފައެވެ.

ދުބާއީގެ ބޮޑުވަޒީރު އަދި ނައިބު ރައީސް ޝޭޚު މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް ވިދާޅުވީ ދުބާއީ އިންޓަނޭޝަަލް އެއާޕޯޓުގެ މިހާރުގެ ޓާމިނަލަށް ވުރެ އާ ޓާމިނަލް ފަސް ގުނަ ބޮޑުވާނެ ކަމަށާއި، އަހަރެއްގެ މައްޗަށް 260 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށެވެ.

ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގެ ހުރިހާ މަސައްކަތެއް ކުރިއަށް އޮތް އަހަރުތަކުގައި އަލް މަޚުތޫމް އިންޓަނޭޝަނަލް އެއާޕޯޓަށް ބަދަލު ކުރެވޭނެ ކަމަށްވެސް ޝޭޚު މުހައްމަދު ވިދާޅުވިއެވެ.

“ދުބާއީ ސައުތް ގެ އެއާޕޯޓުގެ ވަށައިގެން އަހަރެމެން ބޮޑު ސިޓީއެއް ތަރައްގީ ކުރާ އިރު، މިލިއަނެއްހާ މީހުންނަށް ބޯހިޔާވަހިކަމުގެ ޑިމާންޑް އަންނާނެ. އެތަނުގައި ލޮޖިސްޓިކްސް އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ދުނިޔޭގެ ބޮޑެތި ކުންފުނިތައް ހިމެނޭނެ.” އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝޭޚު މުހައްމަދު ވިދާޅުވިއެވެ.

”"އަންނަން އޮތް ޖީލުތަކަށް އާ ޕްރޮޖެކްޓެއް ހަދަމުން މިގެންދަނީ، އަޅުގަނޑުމެން މި ބަލަނީ އަޅުގަނޑުމެންގެ ދަރިންނާއި އެކުދިންގެ ދަރިންނަށް ދެމެހެއްޓެނިވި ގޮތެއްގައި އަދި ހަމަޖެހޭ ކުރިއެރުމެއް ހޯދައިދޭން. ދުބާއީ ވެގެންދާނީ ދުނިޔޭގެ އެއާޕޯޓަށް، ދުނިޔޭގެ ބަނދަރަށް، ދުނިޔޭގެ އާބަން ހަބަށް، އަދި ދުނިޔޭގެ އާ ގްލޯބަލް ސެންޓަރަށް." ޝޭޚު މުހައްމަދު ވިދާޅުވިއެވެ.

މި އާ ޓާމިނަލްގެ މަސައްކަތް ނިމުމުން 2010 ވަނަ އަހަރު ހުޅުވި އަލް މަޚުތޫމް އެއާޕޯޓު ވެގެންދާނީ އެމިރޭޓްސްގެ ފްލައިޓްތައް ފުރާ ޖައްސާ އެއާޕޯޓަށެވެ. އަދި އެ އެއާޕޯޓުގައި 5 ރަންވޭ އާއި 400 ގޭޓު ހުންނާނެ އެވެ.