ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހަމާސް ޖަމާއަތާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ހަމަލާތައް ހުއްޓާލުމުގެ މަޝްވަރާތަކުގައި މިހާރު ޔަހޫދީ އިސްރާއީލުން އިންތިޒާރު ކުރަމުންދަނީ ފަލަސްތީނުގެ ޣައްޒާގެ ހަމާސް ޖަމާއަތުގެ ބަހަކަށް ކަމަށް އެ ގައުމުން ބުނެފިއެވެ.

އިސްރާއީލުން އަލަށް ހުށަހެޅި ސުލްހައިގެ ޑީލަށް ހަމާސްގެ އިޖާބަ އަންނަ ގޮތަކުން މާދަމާ އިސްރާއީލުގެ ސަރުކާރުގެ އޮފިޝަލުން މިސްރުގެ ވެރި ރަށް ޤާހިރާ އަށް އިތުރު މަޝްވަރާތަކަށް ފުރާނެ ކަމަށް ވެސް އެގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.

ބޭރުގެ ހަބަރު ފަތުރާ ވަޞީލަތް ތަކުން މައުލޫމާތުދޭ ގޮތުގައި ކުރިން އިސްރާއީލުން ހަމާސް ޖަމާއަތުން ރަހީނު ކޮށްފައިވާ ހުރިހާ އަސީރުން މިނިވަން ކުރަން ޑިމާންޑް ކުރި ނަމަވެސް މިހާރު އިސްރާއީލުން ބޭނުން ވަނީ އަސީރުން މިނިވަން ކުރުން އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށް ގެންދާށެވެ.

މިގޮތުން އަސީރުން މިނިވަން ކުރުމުގެ ފުރަތަމަ މަރުހަލާގައި ޔަހޫދީ އިސްރާއީލުން ހުށަހަޅަނީ ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން 40 އަސީރުން މިނިވަން ކުރާށެވެ. އަދި އަސީރުންގެ ބަދަލުގައި އިސްރާއީލްގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ދޫކުރަން ޔަހޫދީން މިހާރު ވަނީ އެއްބަސްވެފައެވެ.

ސުލްހައިގެ އެއްބަސްވުމުގެ ދަށުން އަސީރުން މިނިވަން ކުރުމުގެ ދެވަނަ މަރުހަލާ އެއް ވެސް ކުރިއަށް ގެއްދަން ޔަހޫދީ އިސްރާއީލުން ވަނީ ހުށަހަޅާފައެވެ. އަދި ދެވަނަ މަރުހަލާގައި ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި ބާކީ އަސީރުންތައް މިނިވަން ކުރުމަށް ވެސް ޔަހޫދީ އިސްރާއިލުން ވަނީ ހުށަހަޅާފައެވެ.

ހަމާސް ޖަމާއަތުން ސުލްހައިގެ ވާހަކަތަކުގައި އަބަދުވެސް ކުރާ ޑިމާންޑަކީ ފަލަސްތީނުގެ ޣައްޒާ އިން ޔަހޫދީ އިސްރާއީލުގެ އަނިޔާވެރި ސިފައިން ފޭބުމެވެ. އަދި ޣައްޒާ އަށް ދެމުންދާ އަނިޔާވެރި ހަމަލާތަކަށް ޔަހޫދީ އިސްރާއީލުން ދާއިމީ ނިމުމެއް ގެނެއުމެވެ.

މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުގައި ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުން ވަނީ ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ 200 އަށް ވުރެ ގިނަ އަސީރުން ރަހީނުކޮށްފައެވެ. ނަމަވެސް ޔަހޫދީން ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގައި ބައެއް އަސީރުން މަރުވެފައިވާ ކަމަށް ހަމާސް ޖަމާއަތުން ވަނީ ބުނެފައެވެ.

މިހާރު ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި މުޅި ޖުމްލަ ތިބީ 130 އިސްރާއީލުގެ އަސީރުން ކަމަށް އެ ޖަމާއަތުން ބުނެއެވެ.