ޗައިިނާއިން ރާއްޖޭގެ ނޫސްވެރިން ތަމްރީނު ކުރުމުގެ އިތުރުން 1000 ސިވިލް ސާވިސް މުވައްޒަފުން ތަމްރީނު ކުރަން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.

މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ލިޒިން ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ދެ ޤައުމު ގުޅިގެން ބައި-ލެޓަރަލް ތަމްރީން ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މި ތަމްރީނުތަކުގައި ދިވެހިން ތަމްރީނު ކުރާނީ އެންމެ ބޮޑަށް ރާއްޖެއަށް ބޭނުންވެފައިވާ ދާއިރާތަކުން ކަމަށް ސަފީރު ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ އިތުރުން ދިވެހި 1000 ސިވިލް ސާވިސް މުވައްޒަފުން ތަމްރީނު ކުރުމަށް ޗައިނާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ލިޒިން ވަނީ ވިދާޅުވެފައެވެ.

އެގޮތުން ކޮންމެ މަހަކު ގާތްގަނޑަކަށް 20 މުވައްޒަފުން ޗައިނާއަށް ގޮސް ތަމްރީނުްތައް ފުރިހަމަ ކުރާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.

ހަމައެއާއެކު ޗައިނާގެ ދައުލަތުގެ މީޑިއާ، ޗައިނާ މީޑިއާ ގްރޫޕާއި ޒިންހުއާ ނިއުސް އެޖެންސީއާއި ރާއްޖޭގެ ދައުލަތުގެ މީޑިއާ ޕަބްލިކް ސާވިސް މީޑިއާއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ޗައިނާއަށް ނޫސްވެރިން ގެންގޮސް ތަމްރީނުކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

އޭގެ އިތުރުން ސަފީރު ވިދާޅުވީ، ދިވެހި ޒުވާނުންނަށް ޗައިނާއަށް އައުމަށް ދައުވަތުތަކެއް ދީ ސަމާރ ކޭމްޕުގައި ޗައިނާގެ ޔުނިވާސިޓީގެ ކުދިންނާއި ބައްދަލުކޮށް މައުލޫމާތު ބަދަލުކޮށްލެވޭނެ ކަހަލަ ނިޒާމެއްވެސް ރާވައިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ ރާވަމުން ދިވެހި ޒުވާނުންނަށް ޗައިނާއަށް އައުމަށް ދައުވަތުދޭން. އޭރުން ސަމަރ ކޭންޕުގައި ޗައިނާގެ ޔުނިވާސިޓީގެ ކުދިންނާ ބައްދަލުވެ މަޢުލޫމާތު ބަދަލުކުރެވޭނެ." ސަފީރު ވިދާޅުވިއެވެ.

ޓީޓީ ކުޅޭ ދިވެހި އެތުލީޓުން ތަމްރީނު ކުރުމަށް ޗައިނާގެ އެތުލީޓުން ރާއްޖެ އައިސްފައިވާ ކަމަށާއި ދިވެހި ޤައުމީ ވޮލީ ބޯލް ޓީމް މިއަހަރުގެ ފަހުކޮޅު ތަމްރީނު ހޯދުމަށް ޗައިނާއަށް ދާނެކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

ޗައިނާ ސަރުކާރުން ދަނީ އެކި ދާއިރާތަކުން ރާއްޖެއަށް ގިނަ އެހީތަކެއް ފޯރުކޮށްދެމުންނެވެ. އެގޮތުން ގިނަ ކަންތައްތައް ކޮށްދެއްވަނީ ޗައިނާގެ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. އެގޮތުން މާލޭގެ ހުރިހާ މަގުތަކެއް އަލުން ހެދުމުގެ މަސައްކަތް ކުރިއަށްދަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. ހަމަ އެއާއިއެކު ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ނުވަތަ ސިނަމާލެ ބްރިޖުގެ މެއިންޓަނަންސް މަސައްކަތްތައްވެސް ކުރަމުންދަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ.