މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުގެ މުޖާހިދުންނާއި ދެކޮޅަށް ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުގެ ޣައްޒާ އަށް ވަނީ އިޤްތިޞާދީ ބޮޑު ލޮޅުމެއް އަރާފައެވެ.

ޣައްޒާގައި މި ވަގުތު ދިރިއުޅޭ މީހުންގެ 90 އިންސައްތަ މީހުން ދިރިއުޅެނީ ފަޤީރުކަމުގައި ކަމަށް ޣައްޒާގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފިއެވެ.

ޣައްޒާގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާގެ ހަމަލާތަކުގައި ފަލަސްތީނުގެ ޣައްޒާގެ 95 އިންސައްތަ ވިޔަފާރިތައް މުޅިން ހަލާކުވެފައިވާ ކަމަށެވެ. އަދި މީގެ ސަބަބުން އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލިފައިވާ ކަމަށާއި އާއިލާ އަށް އާމްދަނީ ހޯދަން އޮތް މަގު ބަންދުވެފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ދެމުންދާ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އިޤްތިޞާދު ފުޑުފުޑުވެފައިވާ ކަމަށާއި އަދި ޣައްޒާގެ އިޤްތިޞާދަށް 33 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވާ ކަމަށް ޣައްޒާގެ ސަރުކާރުން ނެރުނު ބަޔާނުގައިވެއެވެ.

ޣައްޒާގެ ސަރުކާރުން ބުނެފައިވަނީ ޣައްޒާގެ މަސައްކަތްތެރިންގެ ހައްޤުތައް ނިގުޅާލައި މިފަދަ ހިތްދަތި ހާލުގައި ޣައްޒާގެ މަސައްކަތްތެރިން އުޅެންޖެހޭ ސަބަބަކީ ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލާއި ޔަހޫދީންނަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުންދާ އެމެރިކާގެ އަނިޔާވެރިކަން ކަމަށެވެ.

ޣައްޒާގެ މަސައްކަތްތެރިންގެ ހައްޤުގައި ބައިނަލްއަޤްވާމީ މުޖުތަމައު އިން ވެސް އެކަށީގެންވާ ވަރަށް މަސައްކަތް ކޮށްފައިނުވާ ކަމަށް ޣައްޒާގެ ސަރުކާރުން ބައިނަލް އަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގައި މުނާޞަބަތުގައި ނެރުން ބަޔާނުގައިވެއެވެ.