އިންޑޮނޭޝިއާގެ ސުލަވެސީ އައިލެންޑުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 14 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.

އެ ގައުމުގެ ރެސްކިއު ޗީފް މެކްސިއާނަސް ބެކަބެލް ވިދާޅުވިގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެ ސަރަހައްދަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ދެކުނު ސުލަވެސީ ޕްރޮވިންސްގެ ލުވޫ ޑިސްޓްރިކްޓުގައި ބިންގަނޑު ކަނޑައިގެން ގޮސްފައިވެއެވެ.

މި ވިއްސާރައިގައި 13 ސަބް ޑިސްޓްރިކްޓެއްގައި 10 ފޫޓާއި އާ ހަމައަށް ފެންބޮޑުވެފައި ވެއެވެ. އަދި 1000 އަށް ވުރެ ގިނަ ގެއަށް ގެއްލުން ވެފައިވާއިރު އޭގެ ތެރެއިން 42 ގެއެއްގެ ބިންގާ ވަނީ ވެއްޓިފައެވެ.

އަދި ރަބަރު ބޯޓުތަކާއި އެހެނިހެން އުޅަނދުތައް ބޭނުންކޮށްގެން މީހުން ހުސްކުރުމަށް ސާޗް އެންޑް ރެސްކިއު ޓީމަކުން މަސައްކަތް ކޮށްފައި ވެއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީގެ ތަރުޖަމާނު އަބްދުލް މުހާރީ ވިދާޅުވީ، ހާލުގައި ޖެހުނު ސަރަހައްދުން ބޭރުގައި 100 އަށް ވުރެ ގިނަ މީހުން މިސްކިތްތަކަށް ނުވަތަ ގާތްތިމާގެ މީހުންގެ ގެތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މޫސުމީ ވިއްސާރައިގެ ސަބަބުން އިންޑޮނޭޝިއާގައި އާއްމުކޮށް ބިންގަނޑު ކަނޑައިގެން ދިއުމާއި ފެންބޮޑުވުމުގެ ހާދިސާތައް ހިނގައެވެ.