އެމިރޭޓްސްގެ ފްލައިޓެއްގައި ޖެހި އިންޑިއާގެ މުމްބާއީގައި ހިނގި އެކްސިޑެންޓެއްގައި 36 ގުޑުގުޑާ ދޫނި މަރުވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ މުމްބާއީގެ ގަޓްކޯޕަރުގެ ޕަންތުނަގަރުގެ ލަކްޝްމީ ނަގަރް ސަރަހައްދުގައެވެ.

މުމްބާއީ އެއާޕޯޓުގެ އޮފިޝަލަކު އެޗްޓީއަށް މައުލޫމާތު ދެމުން ބުނީ އެމިރޭޓްސްގެ ފްލައިޓެއް ކަމަށްވާ އީކޭ 508 އިން ރޭ 9:18 ހާއިރު މުމްބާއީއަށް ދަތުރު ކުރަމުން ދަނިކޮށް ދޫނިތަކެއްގައި ޖެހިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. ބޮޑެތި ގެއްލުންތަކެއް ލިބުނު ފްލައިޓް ވަނީ ރައްކާތެރިކަމާއެކު މުމްބާއީ އެއާޕޯޓަށް ޖައްސާފައެވެ.

އެޑިޝަނަލް ޗީފް ކޮންޒަވޭޓާ އޮފް ފޮރެސްޓްސް (މެންގްރޫވް ޕްރޮޓެކްޝަން ސެލް) އެސްވައި ރާމާ ރާއޯ ވިދާޅުވީ މި ސަރަހައްދުން 36 ގުޑުގުޑާ ދޫންޏެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި އިތުރު ގުޑުގުޑާ ދޫނިތަކެއް މަރުވެފައިވޭތޯ ބެލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މެންގްރޫވް ޕްރޮޓެކްޝަން ސެލްގެ ޑެޕިއުޓީ ކޮންޒަވޭޓާ ދީޕަކް ޚާޑޭ ވިދާޅުވި ގޮތުގައި އެއާޕޯޓު އޮތޯރިޓީން މިފަދަ ހާދިސާއެއް ހިނގުކަން ކަށަވަރުކޮށްދީފައެވެ.

މި ހާދިސާ ހިނގާފައި ވަނީ ލަކްޝްމީ ނަގަރު (ގަޓްކޯޕަރް އިރުމަތީގެ އުތުރު ކޮޅު) އާ ވަރަށް ކައިރީގައެވެ.