ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރު ޣައްޒާއިން 85 މީހަކު ޝަހީދު ކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުނީ، ނިރުބަވެރި އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދެމުން އަންނަ ހަމަލާތަކުގައި 85 މީހަކު ޝަހީދުކޮށްލައި 200 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ދީފައިވާ ކަމަށެވެ.

ފާއިތުވި 24 ގަޑިއިރު 85 މީހަކު ޝަހީދުކޮށްލުމާއި އެކީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ޝަހީދުކޮށްލި މީހުންގެ އަދަދު 35،647 އަށް އަރާފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އެކިވަރުގެ ޒަހަމްތައްވި މީހުންގެ އަދަދު ވެސް 79،852 އަށް އަރާފައިވާ ކަމަށް ވަނީ ބުނެފައެވެ.

ނިރުބަވެރި އިސްރާއީލުން ފާއިތުވި 24 ގަޑިއިރު ގިނަ ބަޔަކު ޝަހީދުކޮށްލާފައިވާއިރު، މިއަދު އެކަނި ވެސް ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި ގިނަ ބަޔަކު ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި ޣައްޒާގެ ޑޮކްޓަރެއްގެ އިތުރުން ޓީޗަރަކާއި ދަރިވަރަކު ވެސް ހިމެނޭ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ނިރުބަވެރިންނާއި ހަމާސް ޖަމާއަތުގެ މުޖާހިދުންނާއި ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ ސަބަބުން އިސްރާއީލުގެ ބޮޑު ވަޒީރާއި އެގައުމުގެ އެހެން އޮފިޝަލެއްގެ އިތުރުން ހަމާސް ޖަމާއަތުގެ ތިން ލީޑަރުން ހައްޔަރު ކުރުމުގެ އަމުރަކަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ވަނީ އެދިފައެވެ.