ހޫނުގަދަވުމުގެ ސަބަބުން ކުރިއަށް އޮތް ފަސް ދުވަހަށް އުތުރު އިންޑިއާގެ އެކި ސަރަހައްދުތަކަށް ރެޑް އެލާޓް ނެރެފިއެވެ.

ންޑިއާގެ މޫސުމާ ބެހޭ ގައުމީ އިދާރާ (އައިއެމްޑީ) އިން ބުނީ ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ރާޖަސްތާން، ޕަންޖާބު، ހަރިޔާނާ-ޗަންދީގަރް-ދިއްލީ އަދި ހުޅަނގު އުއްތަރަ ޕްރަދޭޝްގެ ބައެއް ސަރަހައްދުތަކަށް ހޫނު ގަދަވާނެ ކަމަށެވެ.

މެޓް ޑިޕާޓްމަންޓުން ބުނީ އެ ސްޓޭޓްތަކުގެ ބައެއް ޑިސްޓްރިކްޓްތަކުގައި ދުވާލުގެ ހޫނުމިން 47 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އޭއެންއައިއަށް މައުލޫމާތު ދެއްވަމުން އައިއެމްޑީގެ ސީނިއާ ސައިންޓިސްޓް ނަރީޝް ކުމާރު ވިދާޅުވީ އުތުރު ހުޅަނގު އިންޑިއާގެ ފިނިހޫނުމިން މިހާރު ހުރީ އާދަޔާ ހިލާފަށް މަތީގައި ކަމަށާއި ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި އެ ސަރަހައްދަށް ރެޑް އެލާޓް ނެރެފައިވާ ކަމަށެވެ.

"ރާޖަސްތާނުގައި ކުރިއަށް އޮތް ފަސް ދުވަހަށް ރެޑް އެލާޓް ނެރެފިން. އަދި އެންމެ ހޫނުމިން 45 ޑިގްރީ ސެލްސިއަސްއިން، 47 ޑިގްރީ ސެލްސިއަސްގައި ހުންނާނެ ކަމަށް ލަފާކުރެވޭ."

އޭނާ ވިދާޅުވީ، ޕަންޖާބާއި ހަރްޔާނާގައި ހުޅަނގުމޫސުމުގެ ވިއްސާރައިގެ ސަބަބުން ހޫނުމިން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވީ ނަމަވެސް އޭގެ ފަހުން މަޑުމަޑުން 2-3 ޑިގްރީއާ ދެމެދުގެ މިންވަރަކަށް ފިނިހޫނުމިން އިތުރުވާނެ ކަމަށެވެ.

"މި ދެ ސްޓޭޓަށް މިހާރުވެސް "ރެޑް އެލާޓް" ނެރެފިން. އަވަށްޓެރި އުއްތަރަ ޕްރަދޭޝްގައި ކުރިއަށް އޮތް ފަސް ދުވަހަށް ރެޑް އެލާޓް ނެރެ، މަދްޔަ ޕްރަދޭޝްގެ އުތުރުގެ ސަރަހައްދުތަކަށް އޮރެންޖް އެލާޓް ނެރެފިން،" ކުމާރު އޭއެންއައި އަށް ވިދާޅުވިއެވެ.

އައިއެމްޑީއިން އިންޑިއާގެ ވެރިރަށް އަދި އުތުރު އިންޑިއާގެ އެހެން ސަރަހައްދުތަކަށް "ރެޑް އެލާޓް" ނެރެ، ހާއްސަކޮށް ހެނދުނު 11:00 އިން ހަވީރު 4:00 އަށް ބޭރަށް ނުނިކުތުމަށް އިލްތިމާސްކުރީ އެކަމުގެ ސަބަބުން ސިއްހަތަށް ހީނަރުކަމެއް އަތުވެދާނެތީއެވެ.