ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ ވަނީ ޓައިވާނުގެ އާ ރައީސް ލައި ޗިންގް-ޓޭއަށް މަލާމާތް ކުރައްވައިފިއެވެ.

ކަޒަކިސްތާނުގައި އޮތް ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަންގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވަންގް ވިދާޅުވީ ލައި އަކީ "މައްސަލަ އުފައްދާ" ބޭފުޅެއް ކަމަށާއި އެންމެ ބޮޑު އެއް މައްސަލައަކީ ޓައިވާނުން ވަކިވެގަންނަން މަސައްކަތް ކުރާތީ ކަމަށެވެ.

ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ ވަނީ ޓައިވާނުގައި އަލަށް އިންތިހާބު ވެވަޑައިގެންނެވި ރައީސް ލައި ޗިންގް-ޓޭ ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ އެއް ދުވަސް ފަހުން ބަހުގެ ހަމަލާތައް ރައްދުކޮށްފައެވެ. ޓައިވާނަކީ އަމިއްލަ ސަރަހައްދެއް ކަމަށް ބުނާ ޗައިނާއިން ވަނީ ލައިއަކީ "ވަކިވެގަތް" މީހެއް ކަމަށް ގަބޫލުކޮށް، މަޝްވަރާތަކަށް އޭނާ ހުށަހެޅުއްވި ހުށަހެޅުންތައް ދޮގު ކުރައްވައިފައެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާއިން ވަންގްއާ ހަވާލާދީ ބުނެފައިވަނީ ގައުމާއި ކާބަފައިންނަށް ޚިޔާނާތްތެރިވާ ލައި ޗިންގް-ޓޭ އާއި ޓައިވާނުގެ ހުތުރު އަމަލުތަކަކީ ލަދުވެތި އަމަލެއް ކަމަށެވެ. އަދި ޓައިވާނުން ކިތަންމެ މަސައްކަތެއް ކުރިޔަސް ޗައިނާއިން ކުރަމުންދާ މަސައްކަތް ހުއްޓާނުލާނެ ކަމަށާއި ޗައިނާ އާއި ޓައިވާން ވަކިކޮށްލަން ލައި މަސައްކަތް ކުރިޔަސް އެކަން ނުވާނެ ކަމަށް ވަންގް ވަނީ ވިދާޅުވެފައެވެ.

ލައި ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ދުވަހު ދެއްވި ތަގުރީރުގައި އޭނާ ވަނީ ޗައިނާއާ ކުރިމަތިލާނެ ކަމަށާއި ކިތަންމެ ވަރަކަށް ބިރު ދެއްކިޔަސް ފަހަތަށް ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ބިރު ދައްކައި އިންޒާރު ދިނުން ހުއްޓާލުމަށް ވެސް އޭނާ ވަނީ ޗައިނާ އަށް ގޮވާލައްވައިފައެވެ.

ގައުމުގެ މިނިވަންކަމަށް ލޯބިކުރާ ލައި އާއި އޭނާގެ ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާޓީ (ޑީޕީޕީ) ޗައިނާއަށް ކަމަކު ނުދެއެވެ. އެހެންކަމުން ޖެނުއަރީ މަހު އޭނާ އިންތިހާބު ކާމިޔާބު ކުރެއްވި ފަހުން ޓައިވާންގެ ކަނޑުގެ ސަރަހައްދުތަކާއި ވައިގެ ސަރަހައްދުގެ ވަށައިގެން ޗައިނާގެ އަސްކަރީ އުޅަނދުތައް ދަނީ އިތުރުވަމުންނެވެ. ފާއިތުވީ ދުވަސްތަކުގައި ޗައިނާއިން މިފަދަ ކަންތައް ކުރަމުންދާތީ ޓައިވާނުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އޭގެ ސަބަބުން ހަމަނުޖެހުންތައް އުފެދިދާނެ ކަމަށްވެސް ޓައިވާނުން ދެކެއެވެ.

ޓައިވާނުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ ޗައިނާގެ ބާރުގަދަ އަމަލުތަކުގެ ސަބަބުން އެރަށް ހަލަބޮލި ނުވާނެ ކަމަށެވެ. އަދި ސިޔާސީ ގޮތުން މަޖުބޫރުކުރުވުމާއި، އިސްތިއުމާރީ ޗައިނާ ސަރުކާރުން ޑިޕްލޮމެޓިކް ގޮތުން ނިގުޅައިގަތުމަކީ ޓައިވާނުގެ ހަރުކަށި ޑިމޮކްރެޓިކް އަގީދާއަށް ބަދަލެއް ނާންނާނެ ކަމެއް ނޫން ކަމަށް ޓައިވާނުން ބުނެއެވެ.