ޗައިނާގެ އަސްކަރިއްޔާގެ އީސްޓާން ތިއޭޓަރ ކޮމާންޑް އޮފް ޕީޕަލްސް ލިބާރޭޝަން އާރްމީ އިން ޓައިވާނުގެ ވަށައިގެން ހިންގި އަސްކަރީ ތަމްރީންތައް ނިންމާލައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު ފެށި އެ ތަމްރީނުތަކަކީ ކަނޑާއި ވައިގެ ތެރޭގައި ކުރިއަށް ގެންދިޔަ އަސްކަރީ ތަމްރީންތަކެކެވެ. ޗައިނާގެ އަސްކަރިއްޔާ އިން އެ ތަމްރީނުތަކުގައި ހަރަކާތްތެރިވެފައިވަނީ ޓައިވާން ސްޓްރައިޓްގެ ދެކުނާއި އުތުރުގެ އިތުރުން ކިންމެން އަދި ކަޓްސް އާއި ޑޮންގްޔުބް ޖަޒީރާތައް ކައިރީގައެވެ.

މި ތަމުރީނުތަކާ ގުޅިގެން ޓައިވާނުންވަނީ އެގައުމުގެ އަސްކަރިއްޔާވެސް ހައި އެލާޓަށް ގެނެސްފައެވެ. ޓައިވާނުގެ ކަމާބެހޭ އިދާރާތަކާ ހަވާލާދީ ބޭރު މީޑިއާތަކުން ބުނެފައިވަނީ ޗައިނާގެ ތަމުރީނު ތަކުގައި 62 އަސްކަރީ މަތިންދާ ބޯޓި އަދި 27 ނޭވީ ޝިޕް ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި ޗައިނާގެ ތަމުރީނުތަކަށް ޓައިވާނުން ފާރަލާފައިވެއެވެ.

ޗައިނާގެ އަސްކަރިއްޔާގެ ތަރުޖަމާނު ކާނަލް ލި ޝީ ބުނެފައިވަނީ ޗައިނާގެ ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިނަގެ އިތުރުން އެ ގައުމުގެ އަސްކަރިއްޔާގެ ވަރުގަދަ ރޮކެޓް ފޯސް ވެސް ގުޅިގެން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކަކީ ޗައިނާ އިން ވަކިވެގަންނަށް މަސައްކަތް ކުރަމުންދާ ޓައިވާންގެ އައު ސަރުކާރަށް ދޭ ވަރަށް ބޮޑު އިންޒާރެއް ކަމަށެވެ. އަދި ޗައިނާގެ އަސްކަރިއްޔާ އިން ޓައިވާން މިނިވަން ދައުލަތަކަށް ވުމުގެ ފުރުޞަތު ނުދޭނެ ކަމަށެވެ.

ޓައިވާނަކީ މިނިވަން ގައުމެއްގެ ގޮތުގައި ބަލައިގަންނަން ޗައިނާ އިން ދެކޮޅު ހަދަމުންދާއިރު ޗައިނާ އިން އަބަދުވެސް ދެކެނީ ޓައިވާނަކީ އެގައުމުގެ ޕްރޮވިންސެއްގެ ގޮތުގައެވެ.

ޓައިވާނުގެ އައު ރައީސް ހުވާކުރެއްވިތާ 3 ދުވަސް ނުވަނީސް ޗައިނާއިން ޓައިވާން ސަރަހައްދުގައި ފެށި އަސްކަރީ ތަމްރީނުތަކުން މުޅި ޓައިވާން އެލާޓަށް އައިސްފައިވާއިރު ޗައިނާއިން ދީފާނެ ހަމަލާއަކަށް ޓައިވާނުން ތިބީ ތައްޔާރަށެވެ.