ޗައިނާއިން ޓައިވާނުގެ ރަށްތައް ވަށައިގެން އަސްކަރީ ތަމްރީނުތައް ވަރުގަދައަށް ފަށައިފިއެވެ.

ޗައިނާގެ ދާހިލީ ހަނގުރާމާގައި ކޮމިއުނިސްޓުންނާ ހަނގުރާމަކުރި ނެޝަނަލިސްޓް ޕާޓީގެ މީހުން ޗައިނާއިން ފިލައި ކައިރީގައި ވަކިން އޮންނަ ރަށެއްގައި ކަމަށްވާ ޓައިވާނަށް ގޮސް ވަކި ދައުލަތެއް އުފެއްދި ނަމަވެސް، ޗައިނާއިން އަބަދުވެސް ދެކެނީ ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށެވެ. އަދި ބާރުގެ ބޭނުންކޮށްގެން ވިޔަސް ޓައިވާން ޗައިނާގެ ބަޔަކަށް ހަދާނެ ކަމަށް ޗައިނާގެ ކޮމިއުނިސްޓު ޕާޓީން ވަނީ ވައުދުވެފައެވެ.

މި އަހަރު ބޭއްވި ޓައިވާންގެ ރިޔާސީ އިންތިހާބުގައި އެ ގައުމުން ޗައިނާއާ ދެކޮޅު ލީޑަރަކު އިންތިހާބު ކުރުމުން ދެ ގައުމުގެ ގުޅުން އިތުރަށް ވަނީ ގޯސްވެފައެވެ. ޗައިނާއިން ޓައިވާން ހިފާނެ ކަމުގެ އިންޒާރު ދެމުންދާއިރު، ޓައިވާނުގެ ރަށްތަކުގެ ވަށައިގެން އަސްކަރީ ތަމްރީނުތައް މިއަދު ހެދުނު ފަށާފައެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ޓައިވާންގެ ވަށައިގެންވާ ކަނޑު އަދި ވައިގެ ސަރަހައްދުގައި މި ތަމުރީނުތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ޗައިނާ އަސްކަރިއްޔާގެ އެކިބައިތައް ގުޅިގެން ކުރިއަށްގެންދާ މި ތަމުރީނުތައް ބުރާސްފަތި އަދި ހުކުރު ދުވަހު ކުރިއަށްދާނެ ކަމަށްވެސް ރިޕޯޓް ކޮށްފައިވެއެވެ.

އަސްކަރިއްޔާގެ އޮފިޝަލަކު ބުނި ގޮތުގައި މިއީ ޓައިވާނުން ޗައިނާއާ ވަކިވެ މިނިވަން ދައުލަތެއް ކަމަށް ޤަބޫލުކޮށް ވަކިން އުޅުމަށް ކުރާ މަސައްކަތަށް ދެވޭ ވަރުގަދަ އަދަބެއް ކަމަށާއި އަދި މިއީ ބޭރުގެ އެހެން ބާރުތަކުން ޓައިވާންގެ މައްސަލައަށް ވަނުމާ ދެކޮޅަށް ދެވޭ ވަރުގަދަ ހަރުކަށި އިންޒާރެއް ކަމަށެވެ.

https://x.com/XHNews/status/1793456286308405349

ރިޕޯޓްތައް ބުނާ ގޮތުން ޗައިނާގެ އަސްކަރީ ތަމުރީނުތަކާ ގުޅިގެން ޓައިވާނުންވަނީ އެގައުމުގެ އަސްކަރިއްޔާވެސް ހައި އެލާޓަށް ގެނެސްފައެވެ. ޗައިނާއިން ހަމަލާއެއް ދީފާނެ ކަމަށް ލަފާކޮށް ޓައިވާނުން ދަނީ ތައްޔާރީތައް ވަމުންނެވެ.

ޗައިނާއިން އަސްކަރީ ތަމުރީނުތައް ފަށާފައި މިވަނީ ޓައިވާނުގެ އާ ރައީސް މަގާމުގެ ހުވާ ކުރެއްވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. ޓައިވާންގެ އާ ރައީސް ވިލިއަމް ލައި ޗިންގް-ޓޭ މަގާމުގެ ހުވާ ކުރައްވާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

ޓައިވާނަކީ މިނިވަން ގައުމެއްގެ ގޮތުގައި ބަލައިގަންނަން ޗައިނާ އިން ދެކޮޅު ހަދަމުންދާއިރު ޗައިނާ އިން އަބަދުވެސް ދެކެނީ ޓައިވާނަކީ އެގައުމުގެ ޕްރޮވިންސެއްގެ ގޮތުގައެވެ.