ހުކުރު ދުވަހުގެ ރޭ ދަންވަރު ވިއެޓްނާމްގެ ވެރިރަށް ހަނޯއީގެ މެދުތެރޭގެ އެޕާޓްމަންޓް ކޮމްޕްލެކްސްއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 14 މީހުން މަރުވެ، ތިން މީހަކު ޒަހަމްވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އާބާދީ ބޮޑު ޑިސްޓްރިކްޓެއް ކަމަށްވާ ކާއު ގިއޭ ޑިސްޓްރިކްޓްގެ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެ އިމާރާތުން ދުމާއި ވިހަ ގޭސްތައް ބޭރުވެފައިވަނީ ރޭ 12:30 އެހާކަންހާއިރެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ އިމާރާތުގެ އެތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް މީހުންނަށް މަޖުބޫރުވެފައި ވަނީ އެތެރެއަށް ވަދެ، ބޭރު ގޭޓުގެ ތަޅު ފަޅާލައި، ބިއްލޫރިގަނޑެއް ތަޅާލައިގެންނެވެ. އެތަނުން ހަތް މީހަކު ވަނީ ސަލާމަތް ކޮށްފައެވެ.

އަވަށްޓެރިން ބުނި ގޮތުގައި އެއްޗެއް ގޮވި އަޑު އިވުނީ "ބަޑި ބޭހުގެ އަޑު ފަދައިން" ކަމަށާއި އެތެރޭގައި ތިބި މީހުންނާއި ކައިރީގައި ދިރިއުޅޭ މީހުންގެ ހަޅޭކުގެ އަޑު އިވުނެވެ.

"އަލިފާން ގަނޑު ވަރަށް ބޮޑަށް ބޮޑުވި، ޔާޑް ސަރަހައްދުގައި ހުރި ގިނަ ސައިކަލުތަކާއި އިލެކްޓްރިކް ބައިސްކަލްތަކާއި ބައިސްކަލްތައް ވަނީ ހަލާކުވެފައި،". ހަނޯއީ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މި އަލިފާނުގަނޑު އެއްކޮށް ކޮންޓްރޯލް ވެފައި ވަނީ ރޭ ދަންވަރު 1:26 ހާއިރެވެ. މި ހާދިސާގައި 14 މީހުން މަރުވެފައި އޮއްވާ ރެސްކިއު ފޯސްއަށް ފެނިފައި ވެއެވެ.

މި ހާދިސާގައި ސަލާމަތްވި ތިން މީހަކަށް ހޮސްޕިޓަލުގައި ދަނީ އެމަޖެންސީގައި ފަރުވާ ދެމުންނެވެ.