ދެކުނު ޗައިނާ ކަނޑުގައި އެކުގައި މަސައްކަތް ކުރުމަށާއި އެއް ގައުމު އަނެއް ގައުމާއި ގުޅިގެން އަސްކަރީ ހަރަކާތްތައް ހިންގަން ވިއެޓްނާމާއި ފިލިޕީންސް އިން އެއްބަސް ވެއްޖެއެވެ.

މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ފިލިޕީންސްގެ ރައީސް ފާޑިނެންޑް މާކޮސް ޖޫނިއަރ އިއްޔެގައި ވިއެޓްނާމްގެ ވެރިރަށް ހަނޯއީ އަށް ކުރެއްވި ރަސްމީ ޒިޔާރަތުގައެވެ. ވިއެޓްނާމާއި ފިލިޕީންސް އިން އެއްބަސް ވެފައި ވަނީ ފޯރިމެރުމުގަޔާއި ދެކުނު ޗައިނާ ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ދެ ގައުމުން އެކުގައި މަސައްކަތް ކުރުމަށެވެ.

ދެކުނު ޗައިނާ ކަނޑަކީ ދުނިޔޭގެ ވިޔަފާރި އަށް ވަރަށް މުހިއްމު ކަނޑެކެވެ. އެ ގޮތުން އަހަރެއްގެ މައްޗަށް 3 ޓްރިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި މުދާ އެ ކަނޑުން ދަތުރު ކުރެއެވެ.

ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރި ކަމުގެ މައްސަލައިގައި ފިލިޕީންސާއި ޗައިނާގެ ދެމެދުގައިވާ ހާރިޖީ ގުޅުންތައް ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ދެ ގައުމުގެ އަސްކަރީ އުޅަނދު ތަކުގެ މެދުގައި ވަރަށް ގިނައިން ކުދި ކުދި ކުރިމަތިލުން ތައް ވެސް ވަނީ ހިނގާފައެވެ.

ފިލިޕީންސް އިން ވަނީ އެމެރިކާ އާއި ގުޅިގެން ދެކުނު ޗައިނާ ކަނޑުގައިވާ ތެލާއި ގުދުރަތީ ގޭސް ހޯދުމުގެ މަސައްކަތް ކުރާނެ ކަން އިއުލާން ކޮށްފައެވެ

ޗައިނާ އިން ގަބޫލު ކުރާ ގޮތުގައި ދެކުނު ޗައިނާ ކަނޑަކީ ޗައިނާގެ ބާރުހިނގާ އެ ގައުމުގެ ބައެކެވެ. އަދި މުޅި އެ ކަނޑުގެ މިލްކުވެރިކަމަށް ޗައިނާ އިން ދައުވާ ކުރެއެވެ. ނަމަވެސް އެ ކަނޑުގައި ވާ އެހެން ގައުމުތަކުން ޗައިނާގެ މި ދައުވާ އާއި ދެކޮޅު ހަދައެވެ.