ނިރުބަވެރި އިސްރާއީލުން ރޭ އަލިފާން ރޯވާ ޒާތުގެ ތަކެތި ބޭނުން ކޮށްގެން ހަމަލާދީފައިވާ ސަރަހައްދަކީ އެއީ މީގެ ކުރިން ނިރުބަވެރިން ރައްކާތެރިވާނެ ކަމަށް ބުނެެފައިވާ ސަރަހައްދެއް ފަލަސްތީން ނަސްލަތް ނިސްބަތްވާ އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ބުނެފިއެވެ.

ނިރުބަވެރިން މި ހަމަލާދީފައިވަނީ ޣައްޒާގެ ދެކުނުން އޮންނަ ރަފާހުގެ ހުޅަނގުގައި ގެދޮރުގެއްލިފައިވާ މީހުން ބޯހިޔާވަހިކަން ހޯދަމުން ދިޔަ ޓަލް އައްސުލްތާނުގައި ހުންނަ ބްރިކްސް ކޭމްޕަށެވެ. މި ހަމަލާގައި މިހާތަނަށް 40 ދިރިތިއްބާ އަންދާލާފައިވާ ކަމަށާއި އަދި އެތައް ބަޔަކަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ ކަމަށް ފަހުގެ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މި ހަމަލާއާއި ގުޅިގެން އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ އައިދާ ޓޫމާ ސްލިމަން ވަނީ ދުނިޔޭގެ ކޯޓުގެ އަމުރާއި އެކީ ވެސް ނިރުބަވެރިން ރަފާހަށް ހަމަލާދެމުން އަންނާތީ، އެގައުމުގެ ބޮޑު ވަޒީރު، ބެންޖަމިން ނަތަންްޔާހޫގެ ސަރުކާރާއި ދެކޮޅަށް ތެދުވެފައެވެ.

ޖައްބާރު ޔަހޫދީން ފަލަސްތީނުގެ 40 މީހަކު ދިރިތިއްބާ އަންދާލައިފި!

އެގޮތުން އޭނާ ބުނެފައިވަނީ ނަތަންޔާހޫގެ ސަރުކާރުން މޮޔަވެ، ބަދަލުހިފުމުގެ އަމަލުތައް ގެންގުޅޭ ކަމަށެވެ. އަދި އެކަން އޭނާ ވަނީ ކުށްވެރި ކޮށްފައެވެ.

"ފާއިތުވި ގަޑިއިރެއް ތެރޭ ރަފާހުން 100 އެއްހާ މީހުން ޝަހީދުކޮށްލައި އެތައް ބަޔަކު ޒަހަމް ކޮށްލައިފި. މިފަހަރު ހަމަލާދިނީ. މިފަހަރު ބޮމުގެ ހަމަލާ ދިނީ އިސްރާއީލުން ރައްކާތެރިވާނެ ކަމަށް ބުނެ، ގެދޮރު ގެއްލިފައިވާ މީހުން ތިބި ސަރަހައްދަކަށް." އޭނާ ބުންޏެވެ.

އޭނާ ބުނެފައިވަނީ ނިރުބަވެރިން މިފަދަ ހަމާލާއެއް ރަފާހަށް ދީފައިވާއިރު، ދުނިޔޭގެ ކޯޓުން ރަފާހަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލައި، އާންމުންނަށް އަނިޔާވާނެ އެއްވެސް ކަމެއް ނުކުރުމަށް ސީދާ އަމުރެއް ނެރެފައިވާ ކަމަށެވެ. ނަމަވެސް އެފަދަ އެއްވެސް އަމުރަކަށް ބޯލެނވުމަށް ނަތަންޔާހޫގެ ސަރުކާރުން ބޭނުން ނުވާ ކަމަށާއި އެމީހުން ދައްކަނީ ޖައްބާރުކަން ކަމަށް ބުނެ އޭނާ ވަނީ ނަތަންޔާހޫގެ ސަރުކާރަށް ވަރަށް ފާޑުކިޔާފައެވެ.