ޓައިވާނުގެ އާ ރައީސް ލައި ޗިންގް ޓޭ ހުވާ ކުރެއްވި ފަހުން ޗައިނާ އިން ޓައިވާނުގެ ވަށައިގެން ކުރިއަށް ގެންދިޔަ އަސްކަރީ ޑްރިލްއަކީ ހަނގުރާމައިގެ ބިރުވެރިކަން އުފެއްދުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ގެންގުޅޭ އުކުޅެއް ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެ ޑްރިލްއަކީ ލައި ޓައިވާނުގެ ރައީސަކަށް އިންތިހާބު ކުރުމުން އޭގެ އަދަބެއްގެ ގޮތުގައި ޗައިނާއިން ކުރި ކަމެއް ކަމަށާއި ލައިއަކީ ވަކިވެގަންނަން މަސައްކަތް ކުރާ މީހެއް ކަމަށް ޗައިނާ އިން ގަބޫލުކުރެއެވެ. އަދި ޗައިނާ ޓައިވާންގެ ހަމަނުޖެހުމުގެ ފަހަތުގައި ވަނީ އެމެރިކާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މިއީ އެމެރިކާ ފަހަތުގައި އޮވެގެން ޗައިނާގެ ރައީސް ޖިންޕިންގ ދައްކާ ހަނގުރާމައިގެ ބިރެއް ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ދެހާސް ބާވީސް ވަނަ އަހަރު ޗައިނާގެ ހަނގުރާމަ މަތިންދާބޯޓުތަކުން ޓައިވާންގެ ވައިގެ ސަރަހައްދަށް ވަދެގަތް މިންވަރު ވަނީ ގާތްގަނޑަކަށް ދެގުނައަށް އިތުރުވެފައެވެ. މިހާރު ވެސް ޓައިވާންގެ ބޭރު ޖަޒީރާ ކިންމެން އަދި މަޓްސޫ ވަށައިގެން ކޯސްޓްގާޑް ޕެޓްރޯލްތައް އިތުރު ކުރުމާއި، ފްލައިޓް މަގުތައް ޓައިވާންގެ މީޑިއަން ލައިންގެ ފަރާތަށް ބަދަލުކުރުމާއި، މޫސުމީ ގޮތުން ދޫކުރާ ފުއްޕާހަންތައް ގިނައިން ދޫކުރުން ފަދަ ކަންތައް ޗައިނާއިން ދަނީ ކުރަމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޗައިނާއިން ދީފާނެ ކޮންމެ ހަމަލާއަކަށް ޓައިވާން ދަނީ ތައްޔާރުވަމުންނެވެ.

ޓައިޕޭގެ ސޫޗޯ ޔުނިވާސިޓީގެ ޑިޕާޓްމަންޓް އޮފް ޕޮލިޓިކަލް ސައިންސްގެ އެސިސްޓެންޓް ޕްރޮފެސަރު ފަންގް-ޔޫ ޗެން އަލްޖަޒީރާއަށް ވިދާޅުވީ، ސިވިލް ޑިފެންސްގެ ހުރިހާ ތައްޔާރީތަކެއް ހިނގަމުންދަނީ ޗައިނާއާ މެދު ކަންބޮޑުވުންތަކެއް ހުރުމުން ކަމަށެވެ. ދޯހާގައި ހުންނަ ނިއުސް ޗެނަލަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ ޗައިނާއިން ޓައިވާނާ ދެކޮޅަށް އުދުވާނީ ފިޔަވަޅުތަކެއް އަޅަމުންދާތީ ޓައިވާނުގެ ރައްޔިތުން ކަންބޮޑުވާ ކަމަށެވެ.

ޓައިވާންގެ އާ ރައީސް ލައި ޗިންގް ޓެ ހުވާކުރެއްވިތާ ތިން ދުވަސް ފަހުން ޗައިނާއިން ވަނީ އެގައުމުގެ ވަށައިގެން އަސްކަރީ ޑްރިލްއެއް ޖައްސާފައެވެ. އެހެންކަމުން ދެ ގައުމުގެ ދެމެދު ކޯލުންގަނޑެއް އުފެދި ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު އުފެދި ޓައިވާނުން ދަނީ ހުރިހާ ތައްޔާރީތައް ވަމުންނެވެ.

ލައި ހުވާކުރެއްވި ދުވަހު ޗައިނާއަށް ބަހުގެ ހަމަލާތަކެއް ވަނީ ރައްދުކޮށްފައެވެ. އެގޮތުން ޗައިނާއިން ދައްކަމުން އަންނަ ބިރު ހުއްޓާލަން ޖެހޭ ކަމަށާއި ކިތަންމެ ވަރަކަށް ބިރު ދެއްކިޔަސް ފަހަތަށް ނުޖެހޭނެ ކަމަށް ލައި ވަނީ ވިދާޅުވެފައެވެ. އަދި ޗައިނާގެ ކިނބައިން ޓައިވާން ސަލާމަތްކުރާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޓައިވާނަކީ ހަތިޔާރު އެޅި 300،000 ސިފައިން ހަރަކާތްތެރިވާ އަމިއްލަ ވެރިކަމެއް ކުރަމުން އަންނަ ގައުމެކެވެ. ޓައިވާނުގެ މައްޗަށް ބާރުފޯރުވައި އެގައުމު ޗައިނާ ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަށް ޗައިނާއިން ދަނީ މަސައްކަތް ކުރަމުންނެވެ.