ފްރާންސްގެ ގާނޫނު ހަދާ މަޖިލީހާއި ނޭޝަނަލް އެސެމްބްލީ އުވާލައްވައި އަވަސް އިންތިހާބެއް ބޭއްވުމަށް ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ގޮވާލައްވައިފިއެވެ.

އޭނާ މިގޮތަށް ގޮވާލެއްވީ އާދީއްތަ ދުވަހު ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި އޭނާގެ ރެނެސަސް ޕާޓީ ހަރުކަށި ފިކުރުގެ އިދިކޮޅު ޕާޓީތައް އަތުން ބަލިކުރާނެ ކަމަށް އެގްޒިޓް ޕޯލްއަކުން ދައްކާފައި ވަނިކޮށެވެ.

މިގޮތުން ފްރާންސްގެ ގާނޫނު ހަދާ މަޖިލީހުގެ ނައިބް ރައީސް މެރިން ލެ ޕެންގެ ހަރުކަށި ފިކުރުގެ ނެޝަނަލް ރެލީ (ރަސެމްބަލްމަންޓް ނޭޝަނަލް، ނުވަތަ އާރްއެން) އަށް ގާތްގަނޑަކަށް 31.5 އިންސައްތަ ވޯޓު ލިބޭނެ ކަމަށް ޕަބްލިކް ބްރޯޑްކާސްޓަރު ފްރާންސް ޓީވީން ޝާއިއުކޮށްފައިވާ އެގްޒިޓް ޕޯލްތަކުން ދައްކާފައި ވަނިކޮށެވެ. މެކްރޮންގެ ރެނެސަސް ޕާޓީއަށް ލިބިފައިވަނީ 14.5 އިންސައްތަ ވޯޓެވެ.

އެގްޒިޓް ޕޯލްއަށް ފަހު އުފާފާޅުކުރުމުގެ ގޮތުން ދެއްވި ތަގުރީރުގައި އާރްއެންގެ ލީޑަރު ޖޯޑަން ބާޑެލާ ވަނީ ފްރާންސްގެ ގާނޫނު ހަދާ މަޖިލިސް އުވާލުމަށް މެކްރޮންއަށް ގޮވާލައްވައި، ދެ ޕާޓީގެ މެދުގައި އޮތް ފަރަގަކީ ރައީސަށް ވަރަށް ބޮޑު ދެރައެއް ކަމަށް ސިފަކުރައްވާފައެވެ.

އަދި މެކްރޮން ވަނީ ފްރާންސްގެ ތިރިގެ އުވާލައި ޕާލަމެންޓް އިންތިހާބު ބާއްވާނެ ކަން އިއުލާން ކުރައްވައި ގައުމީ ތަގުރީރެއް ދެއްވައިފައެވެ.

"އަޅުގަނޑު ނިންމީ ވޯޓުދީގެން ތިޔަ ބޭފުޅުންގެ ޕާލިމެންޓަރީ މުސްތަގުބަލު އިހްތިޔާރު އަލުން ފުރުސަތު ދޭން. އެހެންވީމަ މިރޭ ނޭޝަނަލް އެސެމްބްލީ އުވާލަނީ،". މެކްރޮން ވިދާޅުވިއެވެ.

މެކްރޮން ވިދާޅުވީ ގާނޫނު ހަދާ މަޖިލީހުގެ ފުރަތަމަ ބުރު ޖޫން މަހުގެ 30 ވަނަ ދުވަހު ބާއްވާއިރު ދެވަނަ ބުރު އޮންނާނީ ޖުލައި މަހުގެ ހަތް ވަނަ ދުވަހު ކަމަށެވެ.

މެކްރޮން އިންތިހާބެއް ބޭއްވުމަށް އެދުމުން ލެ ޕެން ވަނީ "އަޅުގަނޑުމެން މިތިބީ އެކަމަށް ތައްޔާރަށް" ކަމަށް ވިދާޅުވެފައެވެ.