ޕާކިސްތާނަށް ނިސްބަތްވާ އަންހެނަކު އަރަފާތު ބިމުގައި ވިހައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ހައްޖު ދުވަހު އަރަފާތު ފަރުބަދަމަތީގައި ޕާކިސްތާނުގެ ހައްޖާޖީއަކު ވަނީ ފިރިހެން ކުއްޖަކު ވިހާފައެވެ.

މާތް ވެގެންވާ ތަނުގެ އެ ކުއްޖާ ވިހެއިއިރު، އޭނާއަށް އަރަފާތުގެ ނަމުން ނަން ދީފައި ވެެއެވެ. އެ އަންހެން މީހާ ވިހަފައި ވަނީ ބަނޑަށް 37 ވަނަ ހަފުތާގައެވެ.

އެ އަންހެން މީހާ ވިހެއުމުގައި ހަރަކާތްތެރިިވި ޑޮކްޓަރުން ބުނެފައިވާގޮތުގައި މަންމަ އާއި އަލަށް އުފަންވި ކުއްޖާގެ ހާލު ވެސް ރަނގަޅެވެ. އަދި އަލަށް އުފަންވި ކުއްޖާގެ ބަރުދަނުގައި 3.04 ކިލޯ ހުރި ކަމަށް ވެއެވެ.

އެ އަންހެން މީހާ ވިހެއުމުގައި މެޑިކަލް ޓީމުގައި އިސްކޮށް އުޅުއްވި ޑރ.އަމީނާ އަލް ޝައިހް ވިދާޅުވީ ދަރިއަކު އުފަންވުމަކީ އަބަދުވެސް އުފާވެރި މުނާސަބަތެއް ކަމަށާއި ހައްޖުގެ ދުވަސްވަރު އެކަން ފެނުމަކީ ހާއްސަ ކަމެއް ކަމަށެވެ.

އެ އަންހެން މީހާ ވަނީ އޭނާއަކީ ކާކުކަން ސިއްރުކުރުމަށް އެދިފައެވެ. އަދި ފޮޓޯ ނަގަންވެސް ބޭނުން ނުވާ ކަމަށް ވަނީ ބުނެފައެވެ.

އެ އަންހެން މީހާ އާއި ދަރިފުޅު މިހާރު ތިބީ އިތުރު ޗެކަޕްތައް ހެދުމަށް ޑޮކްޓަރުންގެ ބެލުމުގެ ދަށުގައެވެ.

މި ކުއްޖާ އުފަން ވެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެތައް މިލިއަން ހައްޖުވެރިންނެއް ހައްޖުގެ މަތިވެރި އަޅުކަން އަދާކުރާ އަރަފާތު ފަރުބަދައަށް ޖަމާވެފައި ވަނިކޮށެވެ.