ޕާކިސްތާނުގެ އިގްތިސާދު މިވަގުތު އޮތް ހާލަތުން އަރައިގަތުމަށް އެ ގައުމުން ލޯން އެހީ ހޯދަން ފަށައިފިއެވެ.

ޕާކިސްތާނުން މިހާރު ކުރިއަށްދާ ތިން ބިލިއަން ޑޮލަރުގެ ސްޓޭންޑް ބައި އެރޭންޖްމަންޓް (އެސްބީއޭ) ނިމުމާ ގާތްވެފައިވާއިރު، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) މެދުވެރިކޮށް އަނެއްކާ ވެސް ލޯން ހޯދަން ވަނީ ފަށައިފައެވެ.

އައިއެމްއެފްއާ އެކު ނުވަ މަސް ދުވަހުގެ މުއްދަތަށް ތިން ބިލިއަން ޑޮލަރުގެ ސްޓޭންޑް ބައި އެރޭންޖްމަންޓް މިދިޔަ އަހަރު ވަނީ ފަށައިފައެވެ. ނަމަވެސް އެންމެ ފަހުން 1.1 ބިލިއަން ޑޮލަރު އަދި ޕާކިސްތާނަށް ދޫކޮށްފައެއް ނުވެއެވެ.

ޕާކިސްތާން ސަރުކާރުން ވަނީ "އިގްތިސާދީ އިސްލާހު ކުރުމުގެ ޕްރޮގްރާމަށް އެހީތެރިވުމަށް" ބިލިއަން ޑޮލަރުގެ އާ ލޯނު އެއްބަސްވުމެއް ހެދުމަށް އައިއެމްއެފްއާއެކު މަޝްވަރާތައް ފަށައިފައެވެ.

ފިނޭންސް މިނިސްޓަރު މުހައްމަދު އޯރަންގްޒޭބް ވިދާޅުވީ ޕާކިސްތާނުން މަދުވެގެން ‘ތިން އަހަރުގެ’ ޕްރޮގްރާމެއް ހިންގުމަށް އެދޭނެ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން މިކަމުން ދޭހަވަނީ މިދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި ގައުމުގެ އިގްތިސާދު ހަމައަކަށް އެޅުވުމުގައި ޕާކިސްތާނު ނާކާމިޔާބުވެފައިވުމެވެ. މިއާއެކު، ކާބޯތަކެއްޗާއި ތެލުގެ އަގު ބޮޑުވުމާއި ޕާކިސްތާނުގެ ފަގީރުންނާއި މެދުފަންތީގެ މީހުންނަށް ދިމާވާ ދަތިތައް އިތުރަށް ބޮޑުވާނެ ކަމަށް ކަމާއިބެހޭ ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ. އިންފްލޭޝަން މަތިވުމާއި ބެލެންސް އޮފް ޕޭމަންޓްސް ކްރައިސިސްގެ ސަބަބުން 8.5 މިލިއަން މީހުންނަށް ކާބޯތަކެތީގެ ދަތިކަން ދިމާވެފައިވާއިރު، ޕާކިސްތާނަކީ ގްލޯބަލް ހަންގަރ އިންޑެކްސްގައި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގޮތުން އެންމެ ދަށް އެއް ގައުމެވެ.

މިދިޔަ އަހަރު ޕާކިސްތާނުގެ އާބާދީގެ 39.4 އިންސައްތައަށްވުރެ ގިނަ މީހުން ފަގީރު ހާލުގައި ދިރިއުޅެމުންދާއިރު 12.5 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅެމުންދަނީ ވަރަށް ނިކަމެތި ހާލުގައެވެ.

ވޯލްޑް ބޭންކުގެ ފިސްކަލް އިމްޕެކްޓް އޮފް ފެޑެރަލް ސްޓޭޓް އޮންޑް އެންޓަޕްރައިސަސް ބަލާއިރު ޖޫން 2024 ގައި ނިމޭ މި މާލީ އަހަރު ޕާކިސްތާނުގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރެވެނީ އެންމެ 1.8 ޕަސެންޓެވެ.

އޭޕްރީލް 11 ވަނަ ދުވަހު އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ބުނީ ޕާކިސްތާނުގެ އިގްތިސާދީ ހާލަތު ދަށްވަމުންދާ ކަމަށެވެ. އޭޑީބީން ލަފާކުރާ ގޮތުގައި 2024 ވަނަ އަހަރުގެ މާލީ އަހަރު ޖޫން 30 ގައި ނިމޭއިރު ޕާކިސްތާނަށް 1.9 ޕަސެންޓް ކުރިއެރުމެއް ލިބޭނެއެވެ.

އޭޕްރީލް 12 ވަނަ ދުވަހު ޕާކިސްތާނުގެ އިންޓަނޭޝަނަލް ބޮންޑުން އެއް ބިލިއަން ޑޮލަރު ދެއްކުމަށްފަހު މި މާލީ އަހަރުގެ ފަހު ކުއާޓަރުގައި 4.3 ބިލިއަން ޑޮލަރުގެ ބޭރުގެ ދަރަނި އަނބުރާ ދައްކަން ޖެހެ އެވެ. އޭގެފަހުން ޕާކިސްތާނުގެ ޖުމްލަ ބާކީ ހުންނާނީ ބައިނަލްއަޤްވާމީ ބޮންޑް/ސުކުކްސް އަކީ 6.8 ބިލިއަން ޑޮލަރެވެ. މި އަދަދުތަކަކީ ޕާކިސްތާނުގެ މިހާރުގެ ހާލަތަށް ބަލާއިރު އެއްވެސް އެއްޗެއް ނޫނެވެ.

އެހެންކަމުން އިގްތިސާދީ ބޮޑު ހީނަރުކަމަކުން ސަލާމަތްވުމަށް ޕާކިސްތާނުން ދަނީ އިތުރު އެހީ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.