ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ގިނަ ގޮނޑިތަކެެއް ޖަލަށް ލާފައިވާ އެގައުމުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާޓީއާ ގުޅިފައިވާ މިނިވަން މެންބަރުން ކާމިޔާބު ކޮށްފިއެވެ.

ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނުގެ ވަގުތީ ނަތީޖާ ތަކުން ދައްކާ ގޮތުގައި މިހާތަނަށް 124 ގޮނޑި މިނިވަން ކެންޑިޑޭޓުން ކަށަވަރު ކޮށްފައިވާއިރު 91 ކެންޑިޑޭޓުންނަކީ އިމްރާން ޚާންގެ ޕާޓީ، ޕާކިސްތާން ތެހެރީކޭ އިންސާފް (ޕީޓީއައި) އާއި ގުޅިފައިވާ މިނިވަން ކެންޑިޑޭޓުންނެވެ.

ދެވަނަ އަށް އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައިވަނީ އެގައުމުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ޕާކިސްތާނު މުސްލިމު ލީގު ނަވާޒް ޕާޓީ(ޕީއެމްއެލްއެން) އެވެ. އެ ގޮތުން އެޕާޓީން ވަނީ 71 ގޮނޑި ކާމިޔާބު ކޮށްފައެވެ.

53 ގޮނޑި އާއި އެކު ތިންވަނަ އަށް އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައިވަނީ ބިލާވަލް ބުއްޓޫގެ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) އެވެ.

އިމްރާން ޚާންގެ ޕާޓީއާއި ނުގުޅޭ 33 މިނިވަން ކެންޑިޑޭޓުން ގޮނޑި ކަށަވަރު ކޮށްފައިވާއިރު، 16 ދާއިރާގެ ނަތީޖާ އަދި ނުލިބެއެވެ.

މި 16 ގޮނޑި ނަވާޒް ގެ ޕާޓީން ނުވަތަ ބިލާވަލް ބުއްޓޫގެ ޕާޓީން ކާމިޔާބު ކުރި ނަމަވެސް އޭގެ ތެެރެއިން އެއްވެސް ޕާޓީ އަކަށް ކުރިއެއް ނުލިބޭނެއެވެ.

އިންތިހާބުގެ ނަތީޖާ ނުކުމެފައިވާ ގޮތުން އެ ގައުމުގެ މައި ތިން ޕާޓީގެ ތެރެއިން އެއްވެސް ޕާޓީއަކަށް މަޖިލީހުގެ މެޖޯރިޓީ ހޯދަން ބޭނުންވާ 169 ގޮނޑި ކާމިޔާބު ކުރެވިފައި ނުވާތީ، މަޖިލީހުގެ މެޖޯރިޓީ އެއް ނުލިބޭނެއެވެ. އެހެންކަމުން އެއްވެސް ޕާޓީއަކަށް އެކަނި ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތެއް ނޯންނާނެއެވެ. އެއާއެކު އެގައުމުގެ ބޮޑުވަޒީރަކަށް ދެން އައްޔަނު ކުރެވޭނެ ފަރާތަކާއި މެދު ވަނީ ސުވާލު އުފެދިފައެވެ.

އޭއައި މެދުވެެރިކޮށް މިދިޔަ އޮގަސްޓު މަހުއްސުރެ ޖަލުގައި ހުންނެވި އިމްރާން ޚާން އިއްޔެ ދެއްވި ތަގުރީރެއްގައި ވަނީ އިންތިހާބުގައި ކާމިޔާބު ލިބުނު ކަން އިއުލާނު ކުރައްވާފައެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ވިދާޅުވެފައިވަނީ އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައިވަނީ އެމަނިކުފާނުގެ ޕާޓީން ކަމަށެވެ. ނަމަވެސް ސަރުކާރެއް އެކުލަވާލުމަށް މެޖޯރިޓީ ނުލިބޭ ކަން ފާހަގަ ކުރައްވާ ނަވާޒް ޝަރީފް ވަނީ ކޯލިޝަން ބައިވެރިން ހޯދަން ބޭނުންފުޅުވާކަމަށް ވިދާޅުވެފައެވެ.

އިންތިހާބުގެ ނަތީޖާ އޮޅުވާލުމާއި، ވޯޓު ގުނުން ލަސްވާ ކަމުގެ ތުހުމަތުތަކާއި އެކު އިއްޔެ ޕާކިސްތާނުގެ އެކި ހިސާބުތަކުގައި ވަނީ ބޮޑެތި ހަމަނުޖެހުންތައް ހިންގާފައެވެ. އެގޮތުން އުތުރުގެ ހައިބަރު ޕަހުތުންކުވާގައި އިމްރާން ޚާން ގެ ޕީޓީއައި ގެ މެމްބަރުންތަކަކާއި ފުލުހުންނާއި ދެމެދު ހިނގި ކުރިމަތިލުންތަކުގައި 2 މީހުން މަރުވެ 24 މީހުން ވަނީ ޒަހަމް ވެފައެވެ.

ޕީޓީއައި ގެ މެމްބަރުން ތުހުމަތުކޮށްފައިވާ ގޮތުގައި އެގައުމުގައި މިހާރު އޮތް ސަރުކާރުންނާއި، އެގައުމުގެ ވަރުގަދަ އަސްކަރިއްޔާއިން ވަނީ ޕީޓީއައި އާއި ދެކޮޅަށް އިންތިހާބަށް ނުފޫޒު ފޯރުވާފައެވެ.

އިމްރާން ޚާން ތުހުމަތު ކުރައްވާ ގޮތުގައި 2022 ވަނަ އަހަރު އެމަނިކުފާނު ބޮޑުވަޒީރުކަމުން ވަކި ކުރެއްވީ ވެސް އަސްކަރިއްޔާއިން ރޭވި ރޭވުމެއްގެ ތެރެއިންނެވެ. ނަމަވެސް ސަރުކާރުންނާއި އަސްކަރިއްޔާއިން އެ ތުހުމަތުތައް ދޮގު ކުރެއެވެ.

ޕާކިސްތާނުގެ އިންތިހާބަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ދެކެވޭ ވާހަކަ ތަކާއި މެދު ބޭރުގެ ގައުމުތަކުންވެސް ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އެގޮތުން އެމެރިކާއިން ވެސް ވަނީ އެ ތުހުމަތުތައް ތަހުގީގު ކުރަން ގޮވާލާފައެވެ.

އެތައް މަސްތަކެއްގެ ލަސްވުންތަކަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު އިންތިހާބުގެ ވޯޓުލުން ކުރިއަށް ގޮސްފައިވާ އިރު، އެގައުމުގެ އެންމެ މަގުބޫލު ސިޔާސީ ޝަހުސިއްޔަތު އިމްރާން ޚާން ހުންނެވީ ގިނަ ދައުވާތަކެއްގައި ޖަލަށް ލާފައެވެ. އެގޮތުން އިންތިހާބަށް ހަފްތާއަކަށް ވެފައި ވަނިކޮށް އިމްރާންގެ މައްޗަށް ވަނީ ތިން މައްސަލައިގައި ޖަލު ހުކުމް އިއްވާފައެވެ.

އޭގެ އިތުރުން އިމްރާނަށް އިންތިހާބުގައި ވާދަ ކުރުން މަނާކޮށްފައިވާއިރު، ޕީޓީއައި ގެ ނިޝާންވެސް އިންތިހާބުގައި ބޭނުން ކުރުން ވަނީ މަނާކޮށްފައެވެ. ޕާޓީގެ ނިޝާނަކީ ލިޔަންކިޔަން ނުދަންނަ މީހުންނަށް ވޯޓު ކަރުދާހުގައި ވަރަށް މުހިންމު އެއްޗެކެވެ.

ކޮރަޕްޝަންގެ ދައުވާގައި ޖަލަށް ލާން ހުކުމު ކުރުމުން އެތައް އަހަރަކުއްސުރެ އަމިއްލައަށް ގައުމުން ބޭރަށް އަރުވާލެއްވިގެން ހުންނެވި ނަވާޒް ޝަރީފްވެސް ގެންދަވަނީ ސިޔާސީ ރޭހަށް އެނބުރި ވަޑައިގަތުމަށް މަސައްކަތް ކުރައްވަމުންނެވެ.

އިންތިހާބުގައި ކުރި ލިބިފައިވީ ނަމަވެސް ޕީޓީއައި އަށް އިތުރު ކަންބޮޑުވުންތައް އެބަ އޮތެވެ. އެއީ މަޖިލީހުގެ މެޖޯރިޓީ ލިބިފައި ނުވާއިރު ކޯޓުގެ ހުކުމްތަކަށް ފަހު ޕީޓީއައި ގެ މެމްބަރުން މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި އިންތިހާބު ވެފައިވާތީ އެ މެމްބަރުން އެހެން ޕާޓީތަކަށް ސޮއި ކުރުމުގެ ފުރުސަތުވެސް އޮތީމައެވެ.