ނިމިދިޔަ އޭޕްރީލް މަހު ޕާކިސްތާނަށް ކުރި ވިއްސާރައިގައި 144 މީހުން މަރުވެ، އެތައް ބައެއްގެ ގެދޮރު ގެއްލިއްޖެއެވެ.

އޭޕްރީލް މަހަކީ ޕާކިސްތާނުގެ މޫސުން އެންމެ ގޯސް މަހެވެ. އެގައުމުގެ މޫސުމާއިބެހޭ އިދާރާއިން ބުނާގޮތުން ފާއިތުވީ 60 އަހަރުގައިވެސް އެވަރަށް ޕާކިސްތާނަށް ވާރޭ ވެހިފައެއް ނުވެއެވެ. އެހެން އަހަރުތަކާއި ހިލާފަށް މި އޭޕްރީލް މަހު ޕާކިސްތާނަށް 59.6 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، މިއީ އާންމު އެވްރެޖް 22.5 މިލިމީޓަރަށް ވުރެ މާ ބޮޑަށް ވެސް އިތުރު އަދަދެއް ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ ގައުމުގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހުޅަނގު ދެކުނު ޕްރޮވިންސް ބަލޫޗިސްތާނަށެވެ. އެ ސަރަހައްދަށް ވާރާވެހުނު މިންވަރު އެވްރެޖަށް ވުރެ 437 އިންސައްތަ އިތުރު ވެފައިވެއެވެ.

މި ވިއްސާރައިގައި ޕާކިސްތާނުގެ އެކި އަވަށްތަކުން 144 މީހުން މަރުވެފައިވާއިރު، އެންމެ ގިނައިން މީހުން މަރުވެފައިވަނީ ހުޅަނގު އުތުރު ޚައިބަރު ޕަޚްތުންޚްވާއިންނެވެ. އެ ސަރަހައްދުން މަރުވި 84 މީހުންގެ ތެރޭގައި 38 ކުޑަކުދިން ހިމެނެއެވެ.

އަދި މި ވިއްސާރައިގައި 3،500 އަށް ވުރެ ގިނަ ގެއަށް ގެއްލުން ލިބިފައިވައިވެއެވެ.

އާންމުކޮށް އޭޝިޔާގެ ބޮޑުބަޔަކަށް އޭޕްރީލް މަހު އޮންނާނީ ހޫނު މޫސުމެވެ. ނަމަވެސް ޕާކިސްތާނުގައި ފިނިހޫނުމިން ހުރީ 23.67 ޑިގްރީ ސެލްސިއަސްގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކުރިން 2022 ވަނަ އަހަރު ޕާކިސްތާނަށް ބޯކޮށް ވާރޭވެހި ކޯރުތައް ފުރި، ފެންބޮޑުވުމުގެ ސަބަބުން 1،739 މީހުން މަރުވެފައިވެއެވެ. އެ ހާދިސާގެ ސަބަބުން 30 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވާއިރު، އެ ގެއްލުމުން އަދިވެސް އަރައިގަނެވިފައެއް ނުވެއެވެ.