ދެކުނު އޭޝިއާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ލަންކާއަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ އެޤައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓު ސެންޓަރު (ޑީއެމްސީ) އިން ބައެއް ސަރަޙައްދުތަކަށް ރެޑް އެލާޓް ނެރެފިއެވެ.

އެ އިދާރާއިން، "ލެވެލް 3 - ރެޑް އެލާޓް" ނެރެފައިވަނީ، ލަންކާގެ ބަދުއްލާ އާއި ކަލުތަރަ އާއި ގޯލްގެ އިތުރުން ކޭގޯލްއަށެވެ. މިއީ މިހާރު ކުރަމުންދާ ވިއްސާރައިގެ އެންމެ ބޮޑަށް އަސަރު ކުރަމުންދާ ހިސާބުތަކެވެ. މި ވިއްސާރައިގެ ސަބަބުން މިހާތަނަށް ލަންކާއިން މަރުވި މީހުންގެ ޢަދަދު ވަނީ 8 އަށް އަރާފައެވެ. އަދި 11 މީހުން ގެއްލިގެން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ލަންކާގެ ޑިޒާސްޓަރ މެނޭޖްމަންޓު ސެންޓަރާއި ހަވާލާދީ ނޫސްތަކުގައި ބުނީ، މިހާރު ކުރަމުންދާ ވިއްސާރައިގެ އަސަރު 30000 އެއްހައި މީހުންނަށް ވަނީ ކޮށްފައެވެ. މީގެ ތެރެއިން ބައެއް މީހުން ގެދޮރު ދޫކޮށް ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކުރެވިފައިވާއިރު، ގެތަކާއި އިމާރާތްތަކުގެ އިތުރުން އާންމުންގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޑީއެމްސީން ބުނެއެވެ.

ލެވެލް 3 ރެޑް އެލާޓްގެ އިތުރުން، މި އެލާޓް ނެރެފައިވާ ސަރަޙައްދުތަކާއި ކައިރީގައިވާ އަވަށްތަކަށްވެސް ވަނީ އެކި މިންގަނޑުތަކަށް ރެޑް އެލާޓް ނެރެފައެވެ. އަދި ކުރިއަށް އޮތް ވަގުތުތަކުގައި އާދަޔާއި ޚިލާފަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެ ކޯރުތައް ބަންޑުންވުމުގެ ހާދިސާތައް ހިނގުމުގެ ނުރައްކާ އޮތްކަމަށް ޑީއެމްސީން ބުނެފައި ވެއެވެ.

ލަންކާގެ އިތުރުން ރާއްޖެ އާއި އިންޑިއާ ހިމެނޭގޮތަށް މި ސަރަޙައްދުގެ ޤައުމުތަކަށް މިހާރު ކުރަމުންދަނީ އަރަބި ކަނޑުގައި އުދެފިފައިވާ ކޮޅިގަނޑެއް ތޫފާނަކަށް ބަދަލުވުމުގެ ސަބަބުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މި ތޫފާނުގެ ބާރު އިތުރުވާނެ ކަމަށް ބެލެވިފައިވާއިރު، ޤައުމުތަކަށް ތޫފާނުގެ ނުރައްކާ ވަނީ ބޮޑުވެފައެވެ.