އިންޑިއާ ކަނޑުގައި އުފެދުނު ބާރުގަދަ ތޫފާން "ޓިތުލީ" އިރުމަތީ އިންޑިއާ އަށް އަރައިފިއެވެ.

މި ތޫފާނުގައި އިންޑިއާގެ ގަޖާޕަތީ ޑިސްޓްރިކްޓުން 12 މީހުން މަރުވެފައިވާއިރު މި ތޫފާނުގައި މަރުވި 12 މީހުން ވެސް މަރުވީ ބިންގަނޑު ކަޑައިގެން ދިޔުމުގެ ހާދިސާ ތަކުގައިއެވެ. މީގެ އިތުރުން މި ތޫފާނުގައި އަންޑްރަ ޕްރަދޭސް ސްޓޭޓުން 8 މީހުން ވަނީ މަރުވެފައެވެ.

އިންޑިއާގެ ނޭޝަނަލް ޑިޒާސްޓާ ރެސްޕޯންސް ފޯސްގެ ތަރުޖަމާނު ވިދާޅުވީ ތޫފާނުގައި ގެއްލުން ލިބުނު ސަރަހައްދުތަކަށް މީހުން ސަލަމަތް ކުރުމުގައި ހަރަކާތްތެރިވާ ޓީމުތައް ވަނީ މިހާރު ގޮސްފައި ކަމަށެވެ.

މި ތޫފާނުގައި 150 ކިލޯމީޓަރު ބާރުމިނުގައި ވައިޖެހުނު އިރު ތޫފާނުން ރައްކާތެރިވުމަށް ހަދާފައިވާ ފޭލިގެތަކަށްވެސް ވަނީ ގެއްލުން ލިބިފައެވެ. ތޫފާނުގެ ބާރު ދަށްވަމުން ދާކަމަށް އިންޑިއާގެ މޫސުމާއި ބެހޭ އިދާރާތަކުން މިހާރު ބުނެއެވެ.

އަދި މި ތޫފާން ކުރިއަށް އޮތް 24 ގަޑިއރު ތެރޭ ކެރެލާގެ ދެކުނުގެ ހިސާބުތަކަށް އަރާނެ ކަމަށް އިންޑިއާގެ މޫސުމާ ބެހޭ އިދާރާ އިން ވަނީ ލަފާކޮށްފައެވެ.

1999 ވަނަ އަހަރު ބޭ އޮފް ބެންގަލް ގައި އުފެދުނު ތޫފާނެއް މި ސްޓޭޓަށް އެރުމުގެ ސަބަބުން ވަނީ 15000 މީހުން މަރުވެފައެވެ.

އިންޑިއާ އަށް ބާރުގަދަ ތޫފާނެއް އަރާފައި މިވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ކުރިމަތިވި ބާރުގަދަ އޮކްޝީ ތޫފާނުގައި އިންޑިއާ އަދި ލަންކާއިން އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ގެއްލިފައިވަނިކޮށެވެ.