މަރާލާފައިވާ ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް އަހުމަދު ޚާޝޮގީގެ ހަށިގަނޑަށް ވީގޮތެއް ނޭނގޭ ކަމަށް ތުރުކީން ބުނެފިއެވެ.

ނޫސްވެރިޔާގެ މަރާއި ގުޅޭ އިތުރު މައުލޫމާތުތަކެއް ހާމަކުރައްވަމުން ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވީ ހާޝޮގީގެ ހަށިގަނޑު ވީތަނެއް މިއަދާއި ހަމައަށް ވެސް އެއްވެސް މީހަކަށް އެނގިފައިނުވާ ކަމަށާއި މަރުވެފައިވާ މީހެއްގެ ހަށިގަނޑު ނުފެނުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

ނޫސްވެރިޔާ މަރުވެފައިވަނީ މި މަހުގެ ދެވަނަ ދުވަހު ތުރުކީގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓު ވަތް ފަހުންނެވެ. ސައުދީން ބުނާ ގޮތުގައި ހާޝޮގީ މަރުވެފައިވަނީ ކޮންސިއުލޭޓު ތެރޭގައި ހިނގި ތަޅާފޮޅުމެއްގެ ތެރެއިންނެވެ. ނަމަވެސް އޭނާގެ ހަށިގަނޑާއި ބެހޭ މައުލޫމާތެއް ސައުދީން ހާމަކޮށްފައެއް ނުވެއެވެ.

ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން އުރުދުޣާން ވިދާޅުވީ ނޫސްވެރިޔާ މަރާލާފައިވަނީ ދުރާލާ ރާވައިގެން ކަމަށާއި އެގޮތުން ނޫސްވެރިޔާ ކޮންސިއުލޭޓަށް ވަނުމުގެ ކުރިން 15 މީހުންގެ ގްރޫޕެއް ކޮންސިއުލޭޓު ތެރެއަށް ވަދެފައިވާކަން ހާމަވެފައިވާ ކަމަށެވެ.

"އެމީހުން އައިސްފައިވަނީ ކޮން ބައެއްގެ އޯޑަރައްތޯ؟ އަހަރުމެން މިދަނީ އެކަމުގެ ޖަވާބު ހޯދަމުން. ކީއްވެގެންތޯ ކޮންސިއުލޭޓް ހިންގާ އިމާރާތް މިކަން ހިނގުމާއެކު އާއްމުކޮށް ހުޅުވާނުލާ، އޭގެ ދުވަސްތަކެއް ފަހުން ހުޅުވާލީ؟ އަހަރުމެން މިދަނީ ޖަވާބު ހޯދަމުން. ނޫސްވެރިޔާ މަރުވިކަން އެނގެން އޮތްއިރު، ތަފާތު އެކި ބަޔާންތައް ނެރުނީ ކީއްވެގެންތޯ؟ މަރުވެފައިވާ މީހާގެ ހަށިގަނޑު ނުފެންނަނީ ކީއްވެގެންތޯ؟ އުރުދުޣާން ވިދާޅުވިއެވެ.

ނޫސްވެރިޔާގެ މަރާއި ގުޅިގެން 18 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ސައުދީން ބުނާއިރު، އުރުދުޣާން ވަނީ އެމީހުންނާއި ބެހޭ މައްސަލަތައް ތަހުގީގު ކުރަންޖެހޭ ތުރުކީގައި ކަމަށް ވިދާޅުވެފައެވެ.

"މިކަން ހިނގާފައިވަނީ ތުރުކީގަ. އެހެންވީމަ އެ 18 މީހުންނާއި މެދު ގޮތެއް ނިންމަންވެސް ޖެހޭނީ ތުރުކީގައި" އުރުދުޣާން ވިދާޅުވިއެވެ.

ނޫސްވެރިޔާ މަރާލި ގޮތުގެ އޯޑިއޯ ހެކި ލިބިފައިވާ ކަމަށް މި މައްސަލަ ތަހުގީގު ކުރާ ތުރުކީގެ ފޮރެންސިކް ޓީމުން މީގެކުރިން ބުނެފައިވީ ނަމަވެސް އުރުދުޣާންގެ ވާހަކަފުޅުގައި އޯޑިއޯގެ ވާހަކަ ވިދާޅުވެފައެއް ނުވެއެވެ.