ނޫސްވެރިޔާ ޖަމާލް ޚަޝޯޤީ މަރާލުމުގެ ކުށުގައި ބައިވެރިވެފައިވާ ސައުދީ އަރަބިޔާގެ ފަރާތްތަކުގެ ޝަރީއަތްތައް ފަށާފައިވާކަމަށް އެޤައުމުގެ ނޫސްތަކުން ބުނެފިއެވެ.

ސައުދީގެ ޕަބްލިކް ޕްރޮސެކިއުޓަރާ ހަވާލާދީ އެޤައުމުގެ ދައުލަތުގެ ނޫސް އެޖެންސީން ބުނެފައިވަނީ މިކަމުގައި ބައިވެރިވެފައިވާ 11 މީހެއްގެ ޝަރީއަތް ފަށާފައިވާކަމުގައެވެ. އަދި، 11 މީހުންގެ ތެރެއިން ފަސް މީހެއްގެ މައްޗަށް މަރުގެ ޙުކުމްވެސް ވަނީ އިއްވާފައެވެ.

ޕަބްލިކް ޕްރޮސެކިއުޓަރުން ބުނެފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ތުރުކީގެ ކަމާ ބެހޭ ފަރާތްތަކުން އެއްކޮށްފައިވާ ހެކިތައް ސައުދީގެ ކަމާ ބެހޭ ފަރާތްތަކުގެ ބޭނުމަށް ފޮނުވައިދިނުމަށް ރަސްމީކޮށް އެދިފައިވާކަމުގައެވެ.

ހަމައެހެންމެ، ޚަޝޯޤީގެ މަރުގެ މައްސަލައާ ގުޅިގެން، ބައިނަލްއަޤުވާމީ މައިދާނުގައި އެޤައުމުގެ ނަން ކިލަނބުވެ، ބައިނަލްއަޤުވާމީ ގުޅުންތައް އަދި ވަކީން ޚާއްޞަކޮށް ހުޅަނގުގެ ޤައުމުތަކާއެކު އޮންނަ ޚާރިޖީ ގުޅުންތަކަށް އަސަރުކޮށްފައިވާކަމަށް ބުނެފައިވެއެވެ.

ކައިވެނި ކުރުމަށް ބޭނުންވާ ބައެއް ލިޔެކިޔުންތައް ހޯދަން، ތުރުކީގެ އިސްތަންބޫލުގައި އޮންނަ ސައުދީގެ ކޮންސިއުލޭޓަށް ވަތްތަނާ ޚަޝޯޤީ ގެއްލިފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުއެވެ. ތުރުކީން ފަހުން ހާމަކޮށްފައިވާ ގޮތުގައި ޚަޝޯޤީވަނީ، ކޮންސިއުލޭޓުގެ ތެރޭގައި މަރާލާފައެވެ.

މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކުގެ ޝަރީއަތް ތުރުކީގައި ހިންގުމަށް އެޤައުމުގެ ސަރުކާރުންވަނީ ސައުދީ ސަރުކާރުގެ ކިބައިން އެދިފައެވެ. އެހެންނަމަވެސް، މި އެދުންތަކަށް ސައުދީ ސަރުކާރުން އިޖާބަ ދީފައި ނުވެއެވެ.

ހަމައެހެންމެ، މައްސަލައިގައި ޝާމިލުވާ ބައެއް ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ތުރުކީން އެއްބަސް ނުވެއެވެ. ސަބަބަކީ އެކަމުގެ ސަބަބުން އެފަރާތްތަކުން މައްސަލައާ ގުޅިގެން ފަހުން ވާހަކަ ދެއްކުމުގެ ފުރުޞަތު ގެއްލި، މުޅި މައްސަލަ އޮބައިގެން ގޮސްދާނެތީއެެވެ. މި މައްސަލައިގެ ތަހުގީގެ ތުރުކީ އަށް ދިނުމަށް އެޤައުމުގެ އދ.ގެ ކިބައިންވެސް އެދުނެވެ.

ޚަޝޯޤީ މަރާލިއިރު އޭނާ ލިޔަމުން ގޮސްފައިވަނީ އެމެރިކާގެ "ވޮޝިންޓަން ޕޯސްޓް" އަށެވެ.