ތުރުކީގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓްގެ އެތެރޭގައި މަރާލި ސައުދީ އަރަބިއްޔާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރުގެ ތަޙްޤީޤަށް އިތުރު ހެކިތަކެއް ލިބިފައިވާ ކަމަށް ތުރުކީ ވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރުދޮގާން ވިދާޅުވެއްޖެއެވެ.

ތުރުކީގެ އަންކާރާގައި މިއަދު ވާހަކަފުޅު ދައްކަވަމުން އުރުދޮގާން ވިދާޅުވީ އަލަށް ލިބުނު ހެކިތައް ހާމަކުރެވޭ ހިސާބަށް ތަޙްޤީޤު ކުރިއަށް ދިއުމުން އެމައުލޫމާތުތައް ހާމަ ކުރައްވާނެ ކަމަށެވެ.

"ތުރުކީގެ އިދާރާތަކުން މިހާރު ހޯދާފައިވާ އާހެކިތައް އެކަމަށް އެކަށީގެންވާ ވަގުތު ޖެހުމުން ހާމަކުރާނަން." އުރުދޮގާން ވިދާޅުވިއެވެ.

އުރުދޮގާން މިއަދު ވެސް ވިދާޅުވީ ޚަޝޯގީގެ މަރުގެ މައްސަލަ އާއި ގުޅިގެން 18 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ސައުދީ އަރަބިއްޔާ އިން ބުނުމަކުން އަދި ހުރިހާ މައްސަލައެއް ނުނިމެވެ. ޚަޝޯގީ މަރާލަން އޯޑަރު ދިން ފަރާތެއްގެ މައުލޫމާތާއި، ޚަޝޯގީގެ ހަށިގަނޑު ނައްތާލުމަށް ހަވާލު ކުރި ކަމަށް ބުނާ ތުރުކީ މީހާގެ މައުލޫމާތު ހާމަކުރަން އުރުދޮގާން ގޮވާލެއްވިއެވެ.

"މި 18 މީހުންނަށް އެނގޭނެ ޚަޝޯގީ މަރާލީ ކާކުކަން. ޚަޝޯގީ މަރާލަން އޯޑަރު ކުރީ ކާކުކަން. އަދި އޭނާގެ ހަށިގަނޑަށް ހެދީ ކިހިނެއް ކަން. އެއީ އިތުރު ތަފްސީލެއް ބޭނުންވާ ކަމެއް ނޫން. ސަބަބަކީ އެމީހުން މިކަން ކޮށްފައި ވަނީ ދުރާލާ ރާވައިގެން ކަމަށް ވާތީ." އުރުދޮގާން ވިދާޅުވިއެވެ.

އުރުދޮގާން މިއަދު ވަނީ ޚަޝޯގީގެ މަރުގެ މައްސަލައިގައި ސައުދީ އަރަބިއްޔާ އިން އަމަލު ކުރަމުން ގެންދާ ގޮތައް ފާޑުވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ "ކުޑަކުދިން ކަންތައް ކުރާ ގޮތައް ބަޔާންތަކެއް ނެރެގެން މައްސަލައަށް ހައްލެއް ނުލިބޭނެ." ކަމަށެވެ.

ޚަޝޯގީގެ މައްސަލައިގައި މިހާރަށް ވުރެ ބޮޑަށް ސައުދީ އަރަބިއްޔާ ސީރިއަސް ވާން ޖެހޭ ކަމަށް އުރުދޮގާން ވިދާޅުވިއެވެ.

ޚަޝޯގީ މަރާލުމުގައި ބައިވެރިވި މީހުން ވަނީ އޭނާ މަރާލުމަށް ފަހު ތުރުކީ ދޫކޮށް ސައުދީ އަރަބިއްޔާ އަށް ގޮސްފައެވެ. މައްސަލައިގައި ބައިވެރިވި މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ސައުދީ އަރަބިއްޔާ އިން ބުނި ނަމަވެސް އެމީހުންގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.