ފުރާވަރު އުމުރުގެ 70 އަށް ވުރެ ގިނަ ފިރިހެން ކުދިން ރޭޕްކޮށް، އެކުދިން ބްލެކް މެއިލް ކުރި އެއިޑްސް ޖެހިފައި ހުރި ފިރިހެނަކު ތައިލެންޑް ފުލުހުން ހައްޔަރުކޮށްފިއެވެ.

ސިފައިންގެ ވަޒީފައި އުޅޭ ފިރިހެނަކު ގިނަ އަދަދެއްގެ ކުދިންނަށް ޖިންސީ ގޯނާކޮށް އެކުދިން ބްލެކްމެއިލް ކޮށްފައި ވަނީ މީސް މީޑިއާ ވެބްސައިޓްތަކުގައި އެހެން މީހުންގެ ފޮޓޯ ހިމަނައިގެން ހަދާފައިވާ ފޭކް ޕްރޮފައިލްތަކެއް ބޭނުންކޮށްގެން އެކުދިންނާއި ވާހަކަދައްކައިގެން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނާ ގޮތުގައި މިމައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 43 އަހަރުގެ ސިފައިންގެ ސާޖަންޓް މޭޖާއެއް ކަމަށްވާ ޖަކްރިތު ހޮމްސިންގްއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ޖަކްރިތު ވަނީ ކުޑަކުދިންނާއި ވާހަކަދައްކާ އެކުދިންގެ ބަރަހަނާ ފޮޓޯ ހޯދާ، އެފޮޓޯތައް ލީކް ކުރާނެ ކަމަށް ބުނެ އެކުދިން ބްލެކްމެއިލް ކޮށްގެން އޭނާ ބޭނުންވާ ކަންތައްތަކެއް ކޮށްފައެވެ.

އޭނާ ހައްޔަރުކޮށް ހެދި ޓެސްޓްތަކުން އޭނާގެ ހަށިގަނޑުގައި އެޗްއައިވީ ވައިރަސް ހުރިކަން ކަށަވަރު ކުރެވުނު ނަމަވެސް އޭނާގެ ފަރާތުން އެއްވެސް ކުއްޖަކަށް އެޗްއައިވީ ވައިރަސްގެ އަސަރު ކުރިކަން އަދި ނޭނގެއެވެ. އޭނާގެ ފަރާތުން އަނިޔާ ލިބުނު ކުދިންގެ ޓެސްޓްތައް މިހާރު ދަނީ ކުރަމުންނެވެ.

ފުލުހުން ބުނާ ގޮތުގައި ޖަކްރިތު ބްލެކްމެއިލް ކުރި ކުދިންގެ އުމުރުން އުޅެނީ 13 އަހަރާއި 18 އަހަރާއި ދެމެދުގައެވެ.

ތައިލެންޑްގެ ޤާނޫނުތައް ބުނާ ގޮތުން 15 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފިނަމަ 4 އަހަރާއި 20 އަހަރައި ދެމެދުގެ ޖަލު ޙުކުމެއް އަންނާނެއެވެ. އަދި ޖިންސީ ނިއަތެއް އޮވެގެން 15 އަހަރުން ދަށުގެ ކުއްޖަކަށް ބިރުދައްކައިފިނަމަ އިތުރު 10 އަހަރުގެ ޖަލު ޙުކުމެއް އަންނާނެއެވެ. އެއްވެސް މީހަކު ބްލެކްމެއިލް ކޮށްފިނަމަ ތިން އަހަރުގެ ޖަލު ޙުކުމެއް އަންނާނެއެވެ.