ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓްގައި މަރާލި ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރުވުމުގެކުރިން ކުރިން ބުނި ފަހުބަސް އާއްމުވެއްޖެއެވެ.

އެގޮތުން ތުރުކީގައި ނެރޭ މަޝްހޫރު ޑެއިލީ ސަބާހު ނޫހުގެ އިންވެސްޓިގޭޝަން ޑިޕާޓްމެންޓުގެ އިސްވެރިޔާ ނާޒިފް ކަރަމަން "އަލްޖަޒީރާ" އަށް މައުލޫމާތުދެމުން ބުނީ ހަޝޯގީ މަރާލާފައިވަނީ ބޮލުގައި ޕްލާސްޓިކް ކޮތަޅެއް އެޅުމަށްފަހު ނޭވާ ނުލެވޭ ގޮތް ހަދައިގެންނެވެ. އެކަން ހާމަވީ ކޮންސިއުލޭޓު ތެރެއިން ލިބުނު ރެކޯޑިން އަކުން ކަމަށް އޭނާ ބުންޏެވެ.

"އަހަންނަށް ނޭވާ ނުލެވޭ. ބޮލުގައި އަޅާފައި އޮތް ކޮތަޅު ނަގައިދީ" މަރުވުމުގެ ކުރިން ހަޝޯގީ ބުނި ފަހު ބަސް ހާމަކުރަމުން ކަރަމަން ބުންޏެވެ.

ކަރަމަން ބުނި ގޮތުގައި އެ އޯޑިޔޯ އިން ހާމަވާ ގޮތުގައި ހަޝޯގީ މަރާލުމުގެ ކަންތައްތަކަށް ގާތްގަނޑަކަށް ހޭދަވެފައިވަނީ ހަތް މިނެޓެވެ. އަދި ހަޝޯގީގެ ހަށިގަނޑުގެ ގުނަވަންތައް ބުރިކޮށްލީ ބިންމަތީގައި ޕްލާސްޓިކް ކޮތަޅުތަކެއް އެޅުމަށްފަހު ކަމަށާއި އެކަމަށް ގާތްގަނޑަކަށް 15 މިނެޓް ހޭދަވި ކަމަށްވެސް އޭނާ ބުންޏެވެ. އަދި މިކަމުގައި އިސްކޮށް ހުރީ ސައުދީގެ ސައިންޓިފިކް ކައުންސިލް އޮފް ފޮރެންސިކްގެ އިސްވެރިޔާ ކަމަށްވާ ސަލާހު އަލް ތުބައިގީ ކަމަށްވެސް ކަރަމަން ބުންޏެވެ.

ހަޝޯގީ މަރުވުމުގެކުރިން ބުނި ފަހުބަސް އާއްމުކޮށްފައިވާއިރު، ޚަޝޯގީގެ މަރާއި ގުޅުންހުރި ރެކޯޑިންތައް ތުރުކީން ވަނީ ސައުދީ އަރަބިއްޔާ އާއި އިނގިރޭސިވިލާތާއި ޖަރުމަނުވިލާތާއި އެމެރިކާގެ އިތުރުން ފަރެންސޭސިވިލާތާއި ހަވާލުކޯށްފައެވެ.

ސައުދީން ބުނެފައިވާ ގޮތުގައި ޚާޝޯގީ މަރުވެފައިވަނީ ސައުދީ ކޮންސިއުލޭޓުގެ ތެރޭގައި ހިނގި ތަޅާފޮޅުމެއްގެ ތެރެއިންނެވެ. ނަމަވެސް ނޫސްވެރިޔާގެ ހަށިގަނޑު އަދިވެސް ފެނިފައެއް ނުވެއެވެ.

ޚަޝޯގީގެ މަރާ ގުޅިގެން ސައުދީގެ 18 މީހަކު ހައްޔަރުކޮށްފައިވާއިރު، ސައުދީ ސަރުކާރުގެ އިސް ފަސް ފަރާތެއްވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. މަގާމުން ވަކިކުރި ފަރާތްތަކުގެ ތެރޭގައި ސައުދީގެ ވަލީއަހުދު ފްރިންސް މުހައްމަދު ބިން ސަލްމާންގެ އެޑްވައިޒާ ސައުދް އަލް ޤަހްތާނީއާއި ޑެޕިއުޓީ އިންޓެލިޖެންސް ޗީފް އަހްމަދު އަލް އަސީރީ ހިމެނެއެވެ.