ހައްދުފަހަނަ އަޅާފައިވާ އިޒްރާއިލުގެ އަސްކަރިއްޔާ އިން އެއްގަމު މަގުން ފަލަސްތީނަށް އަރާ ހަތް މީހަކު ޝަހީދު ކޮށްލައިފިއެވެ. ބައިނަލްއަޤުވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި އިޒްރާއިލުން މި އަމަލު ހިންގާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިޒްރާއިލު ސިފައިންގެ ކޮވާޓް ޔުނިޓަކުން ފަލަސްތީނަށް އެއްގަމު މަގުން އަރާފައިވާއިރު އެފަރާތްތަކަށް ކަވަރު ދިނުމަށްޓަކައި ވައިގެ ހަމަލާތަކެއް ދީފައިވެއެވެ.

އިޒްރާއިލު ސިފައިންގެ މި ހަމަލާތައް، ފަލަސްތީނުގެ ޣައްޒާ ކޮންޓްރޯލު ކުރާ ހަމާސް ޖަމާއަތުގެ އަމާޒުތަކަށް ދީފައިވާއިރު ހަމަލާތަކުގައި ހަމާސް ޖަމާއަތުގެ ބައެއް އިސް ފަރާތްތައް ޝަހީދު ވެފައިވާކަމަށް އެޖަމާއަތުން ނޫސްތަކަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ. ޝަހީދުވި މީހުންގެ ތެރޭގައި ހަމާސްގެ އަސްކަރީ ވިންގު ކަމުގައިވާ އަލް-ޤައްސާމުގެ ކޮމާންޑަރެއްކަމުގައިވާ ނޫރު ބަރަކާ ހިމެނެއެވެ.

ހަމާސް ޖަމާއަތުން އިތުރަށް ބުނެފައިވާ ގޮތުގައި އިޒްރާއިލު ސިފައިން ފަލަސްތީނުގެ ބިންތަކަށް އެއްގަމު މަގުން އަރާފައިވަނީ އަސްކަރީ އުޅަނދެއްގައެއް ނޫނެވެ. އޭގެ ބަދަލުގައި އިސްރާއީލް ފަލަސްތީނު ރައްޔިތުންގެ ބިންތަކަށް އަރާފައިވަނީ މަދަނީން ބޭނުންކުރާ ފަދަ ނުވަތަ އާއްމު ރައްޔިތުން ބޭނުން ކުރާ ފަދަ ކާރެއްގައެވެ.

އިޒްރާއިލުން މަދަނީ ކާރެއްގައި، ސިއްރު އޮޕަރޭޝަނެއް ހިންގާ ފަލަސްތީނު ރައްޔިތުންނަށް ހަމަލާ ދީފައިވާއިރު މިކަމުގެ ސަބަބުން މަޝްރަހު އިތުރަށް ގޯސްވާނެކަމަށް ސަރަޙައްދު ދިރާސާ ކުރާ ފަރާތްތަކާއި މުފައްކިރުން ބުނެއެވެ.

ޔަހޫދީ ސިފައިންގެ ހަމަލާތަކުގެ ރައްދުގައި ހަމާސް ޖަމާއަތުންވެސް ހަމަލާތަކެއް ދީފައިވެއެވެ. މިކަމުގެ ސަބަބުން އިޒްރާއިލުން ހަމަލާ ދިން ޣައްޒާގެ ޚާން ޔޫނިސް ސަރަޙައްދުގައި ހަމަލާ ބަދަލުކުރުންތަކެއް ހިނގިކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެފައިވެއެވެ. އަދި، މި ހަމަލާތަކުގައި އިޒްރާއިލު ސިފައިންގެ މީހަކު މަރުވެފައިވެސްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒާ

    ތިހެން ވިއްޔާއި އިބޫ ހުވާކޮށްފައި ފުރަތަމަ ކަމަކަށް ވާނީ އިޒްރޭލާއި ގުޅުން ގާއިމްކޮށް އެމީހުން މިގައުމުގެ ކަންކަމުގައި ބައިވެރިކުރުން.