ކެރިބިއަން ސަރަހައްދުގައި އޮންނަ ކުޑަ ގައުމެއް ކަމަށްވާ ބާބަޑޮސް އިން ރަސްމީކޮށް ފަލަސްތީނުގެ ދައުލަތް ބަލައިގެންފިއެވެ.

ބާބަޑޮސްގެ ފޮރިން މިނިސްޓަރު ކެރީ ސައިމަންޑްސް ވިދާޅުވެފައި ވަނީ ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން މިހާރު ވަގުތު ޖެހިއްޖެ ކަމަށް އެ ގައުމުގެ ކެބިނެޓުން އެއްބަސްވެ، ނިންމާފައިވާ ކަމަށެވެ.

އިސްރާއީލު ފަަލަސްތީނުގެ ހަމަނުޖެހުމަށް ދެ ދައުލަތުގެ ހައްލެއް އޮންނަން ޖެހޭ ކަމަށް ބާބަޑޮސް އިން އަބަދުވެސް އދ ގެ ވަކާލާތު ކޮށްފައިވާނެ ކަމަށްވެސް ސައިމަންޑްސް ވަނީ ވިދާޅުވެފައެވެ.

"އެކަމަކު ދެ ދައުލަތުގެ ހައްލެއް ދެކެން ބޭނުންވާ ވާހަކަ އަހަރެމެން ދުނިޔެއަށް ބުނަމުންދިޔަ ނަމަވެސް، ބާބަޑޮސް އިން ދުވަހަކުވެސް ފަަލަސްތީނުގެ ދައުލަތް ބަލައިގަނެފައެއް ނުވޭ. އެހެންކަމުން މިކަމުގައި ހަމަނުޖެހޭ ތަންކޮޅެއް އެބަ އުޅޭ. އެއީ ފަލަސްތީނު ދައުލަތެއްގެ ގޮތުގައި އަހަރެމެން ބަލައިނުގަންނަ ނަމަ، އަހަރެމެން ބޭނުންވަނީ ދެ ދައުލަތުގެ ހައްލެކޭ އަހަރެމެން ބުނާނީ ކިހިނެތް؟" ސައިމަންޑްސް ވިދާޅުވިއެވެ.

ނަމަވެސް މި ނިންމުމުގެ ސަބަބުން އިސްރާއީލާއި ބާބަޑޮސް އާއި ދެމެދު އޮތް ގުޅުމަަށް އެއްވެސް އަސަރެއް ނުކުރާނެކަން ސައިމަންޑްސް ވަނީ ފާހަގަ ކުރައްވާފައެވެ.

ބާބަޑޮސް އިން މި ވަނީ ކެރިބިއަން ކޮމިއުނިޓީގެ ފަލަސްތީނުގެ ދައުލަތް ބަލައިގަންނަ 11 ވަނަ މެމްބަރަށް ވެފައެވެ. އަދި ބާބަޑޮސް އިން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ނިންމުމުން މިހާރު އދ ގެ 193 މެމްބަރު ގައުމުތަކުގެ ތެރެއިން 140 ގައުމުން ފަލަސްތީނުގެ ދައުލަތް ބަލައިގަނެއެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުމަށް މަގުފަހިކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހަށް ހުށައެޅި ގަރާރެއް އެމެރިކާއިން ވަނީ ހުކުރު ދުވަހު ވީޓޯ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަށިކެޔޮ އާދަނު

    މަރުހަބާ.. ބބޑ ފޮރިންމިނިސްޓަރު ރާއްޖެވަޑައިގަންނަވަން ދައުވަތުއަރުވަން.

  2. ހުސެން

    ތިޔަހެން ފަލަސްތީންގެ ދައުލަތްބަލައިގަތުމުން ފަލަސްތީނައް ފައިދާއައްވުރެން ބޮޑައްލިބެނީ ގެއްލުން ޒަޔްނިސްޓުންނާ ދެކޮޅައް އެއްވެސްބަޔަކައް އެއްޗެއް ބުނާކައް ނުކެރޭ އެމީހުން ފަލަސްތީނު ރައްޔިތުންނައްހަދާނެ ގޮތެއްހަދަމުންދާއިރުވެސް ދައުލަތްބަލައިގަތް ހުރިހާމީހުން ތިމަރައަޅައިގެން ތިޔަތިބެނީ

  3. އަހަންމަދު

    ދިވެހިރާއްޖެއަކުން ތިކަމެއް ނުކުރާނެ.

    4
    1