މީގެ ހަތަރު އަހަރު ކުރިން ވީނުވީއެއް ނޭނގި ގެއްލިފައިވާ މެލޭޝިއާ އެއާލައިންގެ ފްލައިޓް އެމްއެޗް 370 ގެއްލިފައި ވަނީ ފްލައިޓްގައި ބެޓެރިއެއް ގޮވައިގެން ހިނގި ހާދިސާއެއްގެ ސަބަބުން ކަމަށް ވުން ކައިރި ކަމަށް ފްލައިޓް ގެއްލުނު ހާދިސާ ތަޙްޤީޤު ކުރަމުންދާ ތަޖުރިބާކާރަކު ވިދާޅުވެއްޖެއެވެ.

ބޮއިން 777-200 ގެ ޕައިލެޓްކަން ވެސް ކުރިން ކޮށްފައިވާ ރޯސް އައިމާ ވިދާޅުވީ އެމްއެޗް 370 ގެއްލިފައި ވަނީ ފްލައިޓްގައި ހުރި ލިތިއަމް ބެޓެރިއެއް ގޮވާ ފްލައިޓްގައި އަލިފާން ރޯވެގެން ކަމަށްވުން ވަރަށް ގާތް ކަމަށެވެ.

ރޯސް ވިދާޅުވީ އޭނާ ވާނީ މިހާތަނަށް އަލިފާން ރޯވެގެން އެކްސިޑެންޓްތައް ހިނގާފައިވާ ބޮއިން މަރުކާގެ ހުރިހާ ފްލައިޓެއްގެ ހުރިހާ ހާދިސާއެއް ދިރާސާ ކޮށްފައި ކަމަށެވެ.

ލިޔެކިޔުންތަކުން ދައްކާ ގޮތުގައި އެމްއެޗް 370 ގެ ކާގޯގައި ވެސް 221 ކިލޯގެ ލިތިއަމް ބެޓެރިއެއް ފްލައިޓް ގެއްލުނު އިރު ހުއްޓެވެ. އެބެޓެރި ގޮވި ކަމުގެ ހެއްކެތް ފެންނަން ނެތް ނަމަވެސް މިހާތަނަށް ކުރެވިފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ލިތިއަމް ބެޓެރިއެއް ކޮންމެ 10 މިލިއަން ފަހަރަކުން އެއް ފަހަރު ގޮވުމުގެ ފުރުސަތު އެބައޮތެވެ. އެހެންކަމުން ރޯސް ވިދާޅުވާ ގޮތައް ބެޓިއެއް ގޮވައިގެން ފްލައިޓް ވެއްޓުމުގެ ކޮންމެވެސް ވަރެއްގެ ފުރުސަތެއް އެބައޮތެވެ.

ރޯސް ވިދާޅުވީ ފްލައިޓް ހޯދުމުގެ މަސައްކަތް ހުއްޓާލައިގެން ނުވާނެ ކަމަށާއި އަދިވެސް ފްލައިޓް ހޯދުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން އެންމެން ވެސް ވަރަށް ސްމާޓް ސިކުނޑިއަކުން ވިސްނައިގެން ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ފްލައިޓް ހޯދުމުގެ މަސައްކަތް ކުރަން ޖެހޭ." ރޯސް ވިދާޅުވިއެވެ.

2014 ވަނަ އަހަރު މާޗް 08 ވަނަ ދުވަހު ގެއްލުނު އެމްއެޗް 370 ހޯދަން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބު ވެފައި ނުވާއިރު ފްލައިޓް ވެއްޓިފައިވާ ކަމަށް ބެލެވޭ ސީދާ ސަރަހައްދެއް ވެސް ތަޖުރިބާކާރުންނަށް ޔަގީންކަމާއި އެކު ބުނެދޭކަށް ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަކުރު

    10މ އެއްފަހަރު ވާކަމެއް ވެއްޖެއްޔާ ތިނޫނަސް ވުން ކައިރި ކަންތައް އެބަހުރި.
    މިސާލަކަށް އިރުން ގޮނުވާލި ކައްޓެއްފަދަ ހިމަ ހޫނު ވައިރޯޅިއެއް ސީދާ ބޯޓާއި އެވަގުތު ދިމާވުން.

    • ލޮލް

      ހުވަ ހީ ހީ ހަލާކު މި ކޮމެންޓް ވވވ މަޖާ