ވައިގެ ދަތުރުފަތުރުގައި ދުނިޔޭގައި ހިނގި އެންމެ ހައިރާން ކުރުވަނިވި ހާދިސާ ކަމަށްވާ މެލޭޝިއަން އެއާލައިންގެ ފްލައިޓް އެމްއެޗް 370 ގެއްލުނު ހާދިސާ އަށް، ކިތަންމެ ދުވަހެއް ވެގެން ދިޔަ ނަމަވެސް އެފްލައިޓަށް ވީގޮތަކާއި ގުޅޭ ގޮތުން ކުރެވޭ ބަހުސަށް ނިމުމެއް ނެތެވެ.

މިހާރު އިނގިރޭސިވިލާތުގެ އެއިރޯސްޕޭސް އިންޖިނިއަރަކު ބުނާ ގޮތުގައި އާޓެކްނޮލޮޖީއެއްގެ އެހީގައި ފްލައިޓް ގެއްލުނުތަން އޭނާ އަށް ވަނީ ދެނެގަނެވިފައެވެ. ރިޗަޑް ކޮޑްފްރޭ ނަމަކަށް ކިޔާ އިންޖިނިއަރު ބުނާ ގޮތުން އެމްއެޗް 370 ވެއްޓުނީ އޮސްޓްރޭލިއާގެ ޕާތުގެ ހުޅަނގުން 1933 ކިލޯމީޓަރު ދުރަށެވެ. ފްލައިޓް އޮތް ކަމަށް އޭނާ ބުނަނީ ކަނޑުގެ 4000 މީޓަރު އަޑީގައެވެ.

ރިޗަޑް ބުނާ ގޮތުގައި ރޭޑިއޯ ޓެކްނޮލޮޖީއެއް ކަމަށްވާ ވީކް ސިގްނަލް ޕްރޮޕެގޭޝަން ރިޕޯޓާ (ޑަބްލިއުއެސްޕީއާރް) ބޭނުން ކޮށްގެން ފްލައިޓް ސީދާ އޮތްތަން ހޯދި ދާނެއެވެ.

އޮސްޓްރޭލިއާގެ އޭވިއޭޝަން ސެކިއުރިޓީ ބިއުރޯ އިން ވަނީ ރިޗަޑްގެ ވާހަކަތައް ގަބޫލު ކުރާކަމަށް ބުނެފައެވެ. އެހެންކަމުން މިހާތަނަށް ލިބިފައި ހުރި ހުރިހާ މައުލޫމާތެއް އަލުން ދިރާސާ ކުރަން ފަށާފައިވާ ކަމަށް އެބިއުރޯ އިން ބުނެއެވެ. މިއީ ފްލައިޓް ހޯދަން އަލުން ފެށުމުގެ ފުރަތަމަ މަރުހަލާއެވެ.

އެމްއެޗް 370 ހޯދުމަށް މިހާތަނަށް ކުރި މަސައްކަތަކީ ފްލައިޓެއް ހޯދަން ކުރި އެންމެ ބޮޑު މަސައްކަތެވެ. އެފްލައިޓް ހޯދަން 200 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ ފައިސާ ޚަރަދު ކޮށްފައި ވެއެވެ. ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުންނާއި ކުރެވުނު ދިރާސާތަކުން ކުރެވުނު ހަމައެކަނި ކަމަކީ ފްލައިޓް ވެއްޓިފައި އޮންނާނެ ކަމަށް ބެލެވޭ ސަރަހައްދެއް ލަފާ ކުރުމެވެ.

މެލޭޝިއާ އިން ބެއިޖިން އަށް ދަތުރު ކުރަމުން ދަނިކޮށް 239 މީހުންނާއިއެކު ފްލައިޓް ގެއްލުނީ 2014 ވަނަ އަހަރުގެ މާޗް 08 ގައެވެ. ގަބޫލު ކުރެވިފައިވާ ގޮތުގައި ފްލައިޓްގެ މިސްރާބު ޕައިލެޓް ބަދަލުކޮށް ރާޑަރުތަކަށް ވެސް ނާރާ ވަރަށް ފްލައިޓް ތިރިކޮށްގެން އެތައް ސަތޭކަ މޭލަކަށް ފްލައިޓް ވަނީ ދުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ފެނޭނެ ހޭ އެމެރިކާއިން ގެއްލުވާލި އެއްޗެކޭ ބަލަ އެއީ، މެލޭޝިޔާ ގެ އިގްތިސާދު ވަޅު ޖައްސާލަންވެގެން

    7
    2
    • މޭކް ޔޫއެސް ގްރޭޓް އެގެއިން

      ހާދަހާ ދަންނަބޭކަލެއް މީ.. އަނެއްކާ ބޮޑުފެންވަޅުގޭ ސީދީ ނޫން ކަމެއްވެސް ނޭނގެ