ތުރުކީގެ ވެރިރަށް އިސްތަންބޫލުގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓްގައި މަރާލި ނޫސްވެރިޔާ ޖަމާލު ހަޝޯގީ މަރާލަން އަމުރު ކުރީ ސީދާ ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާ، ސީއައިއޭގެ ތަހުގީގުން ހާމަވެއްޖެއެވެ.

ސީއައިއޭގެ ނިންމުން ބިނާވެފައިވަނީ ތުރުކީން ފޯރުކޮށްދީފައިވާ ހަޝޯގީ މަރާލާ އޯޑިއޯ އާއި އެހެނިހެން އެހީތަކާއި އެމެރިކާގެ ޖާސޫސީ މައުލޫމާތުތަކުގެ މައްޗަށް ކަމަށް ވުމުން ހަޝޯގީ މަރާލަން ހިންގި ވަރުގެ ބޮޑު އޮޕަރޭޝަނެއް، ވަލީއަހުދަށް އެނގުމެއް ނެތި ނުހިންގޭނެ ކަމަށް ސީއައިއޭން ގަބޫލުކުރެއެވެ. އަދި ސައުދީގެ ވަލީއަހުދަކީ ސައުދީ އަރަބިއްޔާގެ ރަސްކަމުގައި ނުފޫޒުގަދަ ބޭފުޅެއްކަމަށްވެސް ސީއައޭން ބުނެފައިވެއެވެ.

ހަޝޯގީ މަރާލީ ސީދާ ވަލީއަހުދުގެ އެންގުމަށް ކަމަށް ސީއައިއޭގެ ތަހުގީގުން ދެއްކި ނަމަވެސް އެކަން ރަސްމީކޮށް އަދި ހާމައެއް ނުކުރެއެވެ. އެ މައުލޫމާތުތައް އާންމުކޮށްފައިވަނީ، ސީއައިއޭގެ އޮފިޝަލަކު، ނަން ހާމަނުކޮށް ދުނިޔޭގެ ހަބަރުތައް ގެނެސްދޭ ނޫހެއްކަމުގައިވާ ސީއެންއެން އަށެވެ.

ނަމަވެސް ސައުދީ ސަރުކާރުން ބުނެފައިވަނީ ވަނީ ހަޝޯގީ މަރާލި މައްސަލައާއި ބެހޭ އެއްވެސް މައުލޫމާތެއް ވަލީއަހުދަށް އެނގިނުލައްވާ ކަމަށާއި ހަޝޯގީ މަރާލީ ސައުދީ ސަރުކާރުގެ ތެރެއިން ބައެއް މީހުން އަމިއްލައަށް ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި މައްސަލާގައި ސައުދީން ވަނީ، ވަލީ އަހުދުގެ ބައެއް އަރިސް މީހުން ހިމެނޭހެން ހަޝޯގީ މަރާލަން ތުރުކީ އަށް ދިޔަ 15 މީހުންގެ ޓީމުގައި ހިމެނޭ އެންމެން ހައްޔަރު ކޮށްފައެވެ.

ހަޝޯގީ މަރާލުމުގައި ބައިވެރިވި މީހުން ހައްޔަރު ކޮށްފައިވާއިރު މިހާތަނަށްވެސް ހަޝޯގީގެ ހަށިގަނޑެއް ނުފެނެއެވެ. ސައުދީން ބުނީ، އެ މީހުން ހަޝޯގީ މަރާލުމަށް ފަހު އެމްބަސީތެރޭގައި އޭނާގެ ހަށިގަނޑު ކުދިކޮށް ކޮށާލީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދދދދދ

    އިރާގުން ނިއުކްލިއަރ ހަތިިޔާރު ހޯދި ސީއައިއޭ؟

  2. Anonymous

    ފަލަސްތީނުގައި ކޮންމެ ދުވަހަކު.މަރަމުންދަނީވެސް ދުނިޔެ ފަސާދަކުރާ ބާރު ތަކަކުން...
    ތުރުކީންވެސް،، ފަލަސްތީނުގައި މަރަމުންދާ އެންމެމީހަކާހެދިވެސް އަޅެ ތިވަރު ސަމާލުކަމެއް ދިނުން މާ މުހިއްމުވާނެދޯ؟

  3. ސޖަޖ

    ސީއަޢި އޭ ބުނެފިއްޔާ ތެދު ދޯ