މި މަހުގެ ތެރޭގައި އެމެރިކާގެ ކެލިފޯނިޔާގެ ޖަންގަލިތަކުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވިގެން ގޮސް ވަނީ އާއްމުން ދިރިއުޅޭ ސަރަޙައްދުތަކާ ހަމައަށް ފެތުރިފައެވެ. މިކަމުގެ ސަބަބުން މީހުން ދިރިއުޅޭ ގިނަ އަދަދެއްގެ ގެތަކެއް ވަނީ އަނދާ އަޅިއަށްވެފައެވެ. ހަމައެހެންމެ، އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު ގެއްލުނު އިރު، މިކަމުގެ ސަބަބުން އަވަށެއް އެއްކޮށް ފުހެވިގެން ދިޔައެވެ.

މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް، ބިމާ ހަމަވެފައިވާ ތަންތަނުގެ ދަށުން މަރުވެފައިވާ މީހުންގެ ހަށިތައް ހޯދުމާއި، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް، ކަމާ ބެހޭ ފަރާތްތަކުން ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.

މި މަސައްކަތްތައް ބާރު ސްޕީޑުގައި ކުރަމުންދާއިރު، މިކަމަށް ވަނީ ފަސޭހަތަކެއް ލިބިގެން ގޮސްފައެވެ. އެއީ، އެތައް މަސްތަކަކަށްފަހު ކެލިފޯނިޔާގެ ގިނަ ސަރަޙައްދުތަކަށް ވާރޭ ވެހެން ފެށުމުންނެވެ. އަލިފާން ކޮންޓްރޯލް ވެފައިވީނަމަވެސް، ބައެއް އެއްޗެހިން ދިޔައީ ދުން އަރަމުންނެވެ. ވިއްސާރައިގެ ސަބަބުން މިކަމަށްވެސް ބޮޑު ހައްލެއްވަނީ ލިބިގެން ގޮސްފައެވެ.

އެމެރިކާގެ ޖަންގަލިތަކުގައި ރޯވި ބޮޑު އަލިފާންގަނޑުގެ ސަބަބުން އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ޕެރެޑައިސް ޓައުން ސަރަޙައްދަށް އަދި ސެން ފްރެސިސްކޯގެ އިރު އުތުރުން އޮންނަ ސަރަޙައްދަށް، މި ހަފްތާ ބަންދުގެ ތެރޭގައި 102-152 މިލިމީޓަރުގެ ވާރޭވެހޭނެކަމަށް ވަނީ ލަފާކޮށްފައެވެ.

ވިއްސާރައިގެ ސަބަބުން މީހުން ހޯދުމުގެ މަސައްކަތަށް ޖުމްލަ ގޮތެއްގައި ފަސޭހަތަކެއް ކުރިމަތިވިކަމުގައިވިޔަސް، އެކަމުން އުނދަގޫތަކެއްވެސް ކުރިމަތިވެދާނެކަމަށް ބައެއް ފަރާތްތަކުން ލަފާކޮށްފައިވެއެވެ. އެގޮތުން، ބައެއް ސަރަޙައްދުގައި ފެން ބޮޑުވެއްޖެކަމުގައިވާނަމަ، އެކަމުން މީހުން ސަލާމަތް ކުރުމަށް އިތުރު ދަތިތަކެއް ކުރިމަތިވުން އެކަށީގެންވެއެވެ.

މި މަހުގެ ތެރޭގައި ކެލިފޯނިޔާގައި ރޯވި އަލިފާންގަނޑުގެ ސަބަބުން ޖުމުލަ 83 މީހުން މަރުވެފައިވާކަމަށް ވަނީ ރެކޯޑު ކުރެވިފައެވެ. މި ޙާދިސާގައި ގެއްލުނު މީހުންގެ އަދަދު ހާހަކަށްވުރެ އިތުރުވާނެކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.