އަޅުވެތިކޮށްފައިވާ ފަލަސްތީނުގެ ބައިތަލަހަމްގެ 300 އޭކަރުގެ ބިމެއް އިސްރާއީލުން ހިފައިފި ކަމަށް ފަލަސްތީނު މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

އިސްރާއީލުން ފަލަސްތީނު ބިމުގެ ބޮޑު ސަރަހައްދެއް ހިފާފައި މިވަނީ އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އޮތް ފަލަސްތީނުގެ ރައްޔިތުންނަށް މިލްކު ކޮށްދީފައިވާ ބިންތަކުގައި އިސްރާއީލުން 4000 ހެއްހާ ގެދޮރު އާބާދުކުރުން ހުއްދަކުރާ ބިލް އިސްރާއީލުން ފާސްކޮށްފައި ވަނިކޮށެވެ.

އިސްރާއީލުގެ ސިވިލް އެޓްމިނިސްޓްރޭޝަން އިން ވަނީ މިދިޔަ ހުކުރު ދުވަހު ހުނޅަގު އައްސޭރިގައި އިތުރު 1451 ހައުސިން ޔުނިޓް އެޅުމަށް ހުއްދަ ދީފައެވެ.

ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ވަނީ އިސްރާއީލުގެ މި ނިންމުމާއި ދެކޮޅު ހަދައި މިއީ މެދު އިރުމަތީގެ ސުލްހައަށް އޮތް ބޮޑު ހުރަހެއް ކަމަށް ބުނެ އިސްރާއީލުން ފަލަސްތީނުގެ ބިމުގެ 300 އޭކަރުގެ ސަރަހައްދެއް ހިފި މައްސަލަ ސްޕްރީމު ކޯޓަށް ހުށައަޅާނެ ކަމަށް ބުނެފައެވެ.

އިސްރާއީލުން 1967ގައި އިރުމަތީ ގުދުސްއާއި ހުޅަނގު އައްސޭރި ހިފި ފަހުން މިހާތަނަށް 140ށް ވުރެ ގިނަ ފަހަރުމަތިން ގެދޮރު ބިނާކޮށް، އެސަރަހައްދުތަކުގައި އާބާދު ކޮށްފައިވާ ޔަހޫދީންގެ އަދަދު 600000 އަށް ވުރެ އިތުރެވެ.

މިއާ އެކު ރިޕޯޓަކުން ދައްކާ ގޮތުގައި 1967 ވަނަ އަހަރު އިސްރާއިލުން އިރުމަތީ ޤުދްސަށް އަރައި އެރަށް ހިފިފަހުން ފަލަސްޠީނު މީހުންގެ 5000 ގެ ތަޅާލާފައި ވެއެވެ.

އިސްރާއީލު މީހުންނަށް ހަމަލާދޭ ފަލަސްތީނު މީހުންގެ ގެދޮރު ތަޅައި ސުންނާފަތި ކުރުމަކީ އިސްރާއީލުން އާންމުކޮށް ހިންގާ އިންސާނިއްޔަތާ ޚިލާފް ޖަރީމާއެކެވެ.

އިސްްރާއީލުން ފަލަސްތީނު ބިމުގައި ގެދޮރު އެޅުމުގެ މަސައްކަތް ފަށާފައި މިވަނީ ޓްރަމްޕް ވެރިކަމަށް އައުމަށް ފަހު އިސްރާއީލުން އިރުމަތީ ގުދުސްގައި ގެދޮރު އެޅުމުގެ ހުއްދަ ދީ، އެ މަަސައްކަތް ފަށައިގަތުމަށް އުޅެނިކޮށް ވައިޓް ހައުސްއިން އެކަން މަޑުޖައްސާލަން އިސްރާއީލަށް އަންގައިފައި ވަނިކޮށެވެ.