ގަބޮންގެ ސަރުކާރު ވައްޓާލަން ނުކުތް ސިފައިން ފެއިލް ވެއްޖެ ކަމަށް، ގެބޮންގެ ސަރުކާރުން ބުނެފިއެވެ.

މިއަދުގެ ވަގުތެއްގައި އެގައުމުގެ ސިފައިންގެ ތެރެއިން ބައެއް ނުކުމެ، ގައުމީ ރޭޑިއޯއާއި ޓީވީގެ ކޮންޓްރޯލް ހޯދިއެވެ. އަދި މުޅި ގައުމުގެ އެންމެ މަގުމައްޗަށް ނުކުމެ ވެރިކަމާ ދެކޮޅަށް އަޑުއުފުލަން ފެށުމަށް ގޮވާލިއެވެ. ސަރުކާރާ ދެކޮޅަށް ނުކުތް ސިފައިން ބުނެފައި ވަނީ އެގައުމުގެ ރައީސް ކަމުގައި ހުރި އަލީ ބޮންގޯގެ ސިއްހީ ހާލަތު ހުރިގޮތުން މިހާރު ވެރިކަމަށް ކުފޫ ހަމަ ނުވާ ކަމަށެވެ.

ރައީސް ބޮންގޯ މިވަގުތުވެސް ހުންނެވީ ގައުމުން ބޭރުގައެވެ. އޭނާ ގައުމުން ބޭރުގައި ހުންނަތާ ޒަމާން ގަނޑެއްވެފައިވާ އިރު، ބޮންގޯ ދަނީ މޮރޮކޯގައި ސްޓްރޯކަކަށް ފަރުވާ ހޯދަމުންނެވެ. ބޮންގޯއަކީ ގަބޮންގެ އެންމެ ބޮޑު ތެލުގެ ވިޔަފާރީގެ ހިއްސާ ދާރެކެވެ. އޭނާގެ އާއިލާއިން ގަބޮންގައި ވެރިކަން ކުރަމުންދަނީ 1967 އިން ފެށިގެންނެވެ. އޭގެ ފަހުން 2009 ވަނަ އަހަރު ބޮންގޯގެ ބައްޕަ ނިޔާވުމާ ގުޅިގެން އެ އާއިލާއަށް ހަތަރު މަހަށް ވެރިކަން ގެއްލުނު ނަމަވެސ،ް ފަހުން އަނެއްކާވެސް ލިބިފައިވެއެވެ.

ސިފައިންގެ ތެރެއިން ބަޔަކު ނުކުމެ ގައުމުގެ ސަރުކާރާ ދެކޮޅަށް މިއަދު ނުކުތް ނުކުތުމާ ގުޅިގެން އެގައުމުގެ ސަރުކާރުން ބުނެފައި ވަނީ ސަރުކާރު އޮތީ ވަރުގަދަކޮށް ކަމަށާއި، ރައްޔިތުން ހަމަޖެހުމަށެވެ. މީޑިއާ ރިޕޯޓުތައް ބުނެފައިވާ ގޮތުން ސަރުކާރާ ދެކޮޅަށް މިއަދު 300 އެއްހާ މީހުން މަގުތަކަށް ނުކުތް ނަމަވެސް، އެ ހުރިހާ އެންމެންނާ ދެކޮޅަށް ސިފައިން ނުކުމެ ކަރުނަ ގޭހާ، ޕެޕޭ ސްޕްރޭ ޖަހައިގެން ވަނީ އެއްވުން ރޫޅާލާފައެވެ.

އޭގެ އިތުރުން ގައުމީ ރޭޑިއޯއާއި ޓީވީ ހިސޯރު ކުރިން ސިފައިންނާ ދައުލަތުގެ ސިފައިންނާ ހަމަނުޖެހުން ހިނގި ކަމަށްވެސް ރިޕޯތުތައް ބުނެއެވެ. އަދި މިހާރު އެގައުމުގެ ރައީސަށް ތާއީދު ކުރާ އަސްކަރިއްޔާއިން ކޮންޓްރޯލް ނަގާފައިވާ ކަމަށްވެއެވެ.

ބޮންގޯގެ ސަރުކާރަކީ މިހާތަނަށް އައި އެންމެ ހުދުމުހުތާރު އެއް ސަރުކާރު ކަމަށް އެގައުމުގެ ގިނަ ބަޔަކު ދެކެއެވެ. އެގޮތުން ތަކެތީގެ އަގު ބޮޑުވުމުގެ އިތުރުން އިންތިހާބުތަކުގައި އޮޅުވާލުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް ރައްޔިތުން ބުނެއެވެ.