އެމެރިކާގެ އެރިޒޯނާ ފުލުހުން މިދިޔަ ހަފްތާގައި ހިންގި އޮޕަރޭޝަނެއްގައި 2 މިލިއަން އެމެރިކާ ޑޮލަރު (31 މިލިއަން ރުފިޔާ) ގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ފުލުހުން ހުކުރު ދުވަހު ބުނީ ބުދަ ދުވަހު ފުލުހުން އެރިޒޯނާގައި ހިންގި އޮޕަރޭޝަންގައި އެންމެ ގިނައިން އަތުލައިގެންފި ވަނީ މެތު އާއި ވީޑް ކަމަށެވެ.

90 ކިލޯގެ މެތު އަތުލައިގެންފައި ވާއިރު 1587 ކިލޯގެ ވީޑް ވަނީ އަތުލައިގެންފައެވެ.

ފުލުހުން ބުނީ މިއޮޕަރޭޝަން ހިންގުމުގައި ކަސްޓަމްސް އާއި ބޯޑަރ ޕްރޮޓެކްޝަން އެޖެންޓުން ވެސް ބައިވެރިވި ކަމަށެވެ.

މަސްތުވާތަކެތި އަތުލައިގެންފައި ވަނީ ލިބުނު މައުލޫމާތަކާއި ގުޅިގެން ދެ ޓްރަކަށް ފާރަލަމުން ގެންދިއުމަށް ފަހު އެވެ. ދެ ޓްރަކް ހުއްޓުވާ ފާސް ކުރިއިރު ދެ ޓްރަކް ވަނީ މަސްތުވާތަކެތި އަރުވާ ފުރާލާފައެވެ.

ދެ ޓްރަކް ވަނީ ފުލުހުން އެމީހުން ހުއްޓުވަން މަަސައްކަތް ކުރި ނަމަވެސް ސަލާމަތް ވެވިގެން ދެވޭނެ ގޮތައް ކަންކަން ރާވާފައެވެ. ދެޓްރަކްގެ ޓަޔަރުގައި ވަނީ ޓަޔަރު ފަޅައިގެން ނުދާނެ އާލާތެއް ހަރުކޮށްފައެވެ. ނަމަވެސް ފުލުހުން ވަނީ އެއަށް ވުރެ ހުށިޔާރުވެގެން އެމީހުން ހުއްޓުވާފައެވެ.

މަސްތުވާތަކެއްޗާއި އެކު ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެމީހުންގެ މައްޗަށް މިހާރު ވަނީ ގިނަ ދައުވާތަކެއް އުފުލާފައެވެ. އޭގެތެރޭގައި މަސްތުވާތަކެތި އެތެރެ ކުރުމާއި ވެހިކަލްތަކެއް ވަގަށް ނެގުމުގެ ދައުވާ ވެސް ހިމެނެއެވެ. މަސްތުވާތަކެތި ބަރުކޮށްފައި ހުރި ވެހިކަލްތަކަކީ ވަގަށް ނަގާފައިވާ ވެހިކަލްތަކެކެވެ.

ހައްޔަރު ކުރި މީހުން އެރިޒޯނާއަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެއްޗަކީ މެކްސިކޯ އިން ގެނައި ތަކެތި ކަމަށް ބެލެވެއެވެ. އެމެރިކާ އަށް އެންމެ ގިނައިން މަސްތުވާތަކެތި އެތެރެ ކުރަނީ މެކްސިކޯ އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނުރަބޯ

    ތިޔަހެންވެގެންނޭ ޓްރަމްޕް، މެކްސިކޯގެ ބޯޑަރުގައި ބޮޑުފާރު ރާނަންވެގެން އެއުޅެނީ.