އިނގިރޭސިވިލާތުގެ ތިން އެއާޕޯޓަކުން ބޮންތަކެއް ފެނިއްޖެ އެވެ. މިބޮންތައް ފެނިފައިވަނީ ހީތްރޯ އެއާޕޯޓުންނާއި ލަންޑަން ސިޓީ އެއާޕޯޓުންނާއި ނިއުހަމް އެއާޕޯޓުންނެވެ.

އިނގިރޭސިވިލާތުގެ ޓްރާންސްޕޯޓް ޕޮލިހުން ވަނީ މިކަން ހިނގާފައިވާކަން އެޤައުމުގެ މީޑިޔާތަކަށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެކި ސަރަހައްދުތަކުން ފެނުނު ބޮންތަކުގައި ގުޅުމެއްވާކަން އަދި ކަށަވަރުވެފައިނުވާ ކަމަށްވެސް އެޤައުމުގެ ފުލުހުން ބުނެއެވެ.

ހީތްރޯ އެއާޕޯޓްގައި ބަހައްޓާފައި ހުރި ބޮން ފޮށިގަނޑުގެ ތެރެއިން އެއް ފޮށިގަނޑު ފުލުހުންގެ އޮފިސަރަކު ކެނޑިކަމަށާއި ކެނޑުމާއެކު ބޮން ގޮވި ކަމަށް އިނގެރޭސި ވިލާތުގެ މީޑިޔާތަކުން ހާމަކުރެއެވެ. ނަމަވެސް މިބޮމުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއްވެފައެއް ނުވެއެވެ.

އެޤައުމުގެ ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ، ފެނުނު ބޮންތަކަކީ ހުޅުވުމާއެކު ކުޑަކޮށް ގޮވާ ގޮތަށް ހަދާފައިވާ ބޮންތަކެއް ކަމަށެވެ. މިހާރު އެ ބޮންތައް ފުލުހުންވަނީ ބޮމުގެ މާހިރުންގެ ބެލުމުގެ ދަށުން ނައްތާލާފައި ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

މިބޮންތަކުގެ ސަބަބުން އެއާޕޯޓްގެ އޮޕަރޭޝަންތަކަށް ހުއްޓުމެއް އައިސްފައިނުވާ ކަމަށްވެސް ފުލުހުންގެ ތަރުޖަމާނާ ހަވާލާދީ އިނގެރޭސިވިލާތުގެ މީޑިޔާތަކުން ބުނެފައިވެއެވެ. ބޮންތަކެއް ފެނިފައިވަނީ އިނގިރޭސި ވިލާތުގެ އެންމެ ބާރުބޮޑު އެއަރޕޯޓްތަކުން ކަމަށް ފާހަގަކޮށްލެވެއެވެ