ޓިއުނޭޝިޔާގެ ހޮސްޕިޓަލެއްގައި އަލަށް ވިހޭ 11 ކުދިން މަރުވުމާއި ގުޅިގެން އެޤައުމުގެ ހެލްތް މިނިސްޓަރ އަބްދުއްރައޫފް ޝަރީފަށް ކުރިމަތިވި ޕްރެޝަރތަކާއެކު އޭނާގެ މަޤާމުން އިސްތިޢުފާ ދީފިއެވެ.

އަބްދުއްރައޫފް މިމަޤާމުން އިސްތިޢުފާ ދީފައިވަނީ މާރިޗް މަހުގެ 7 ވަނަ ދުވަހާއި 8 ވަނަ ދުވަހުގައި އެޤައުމުގެ ހޮސްޕިޓަލެއްގައި ވިހާފައިތިބި ކުދިންތަކެއް ކުއްލި ގޮތަކަށް މަރުމުގެ ސަބަބުންނެވެ. ޓިއުނޭޝީޔާގެ ބޮޑު ވަޒީރު ޔޫސުފް ޝަހީދް ވިދާޅުވީ، 11 ކުދިން މަރުވި ސަބަބު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ހޮސްޕިޓަލުން މިކަމުގައި އިޙްމާލު ވެފައިވޭތޯ ބަލަމުން އަންނަ ކަމަށެވެ. އަދި ހޮސްޕިޓަލުގައި ބޭނުން ކުރަމުން އަންނަ އުސޫލުތައް ޗެކް ކުރަމުން އަންނަ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ޓިއުނޭޝީޔާގެ ހެލްތް މިސްޓަރުކަމާ އަބްދުއްރައޫފް ހަވާލުވެ ވަޑައިގަތީ މީގެ 4 މަސް ކުރިންނެވެ.

އެޤައުމުގެ މީޑިޔާތަކުން ރިޕޯޓް ކުރާ ގޮތުގައި، މިކުދިން މަރުވެފައިވަނީ މިކުދިންނަށް ކިރުދިން ބުއްފުޅީގެ ސަބަބުން ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކުއްޖާގެ ލޭގެ ޕްރަޝަރު ދަށްވެ، އެކަށީގެންވާ ފަރުވާ ނުދެވެމުން ކަމަށެވެ.