ނިއު ޒިލޭންޑްގެ ދެ މިސްކިތަކަށް ދިން ނިރުބަވެރި ހަމަލާފައި 50 މުސްލިމުން ޝަހީދުކޮށްލާފައިވާ އިރު، އެ އާއިލާތަކުގެ ހިތާމައިގައި މުޅި ދުނިޔެއިން ދަނީ ބައިވެރިވަމުންނެވެ. ފުލުހުންގެ ކަންކަން ނިންމުމަށްފަހު އާއިލާތަކަށް ހަށިގަނޑުތައް ހަވާލުކުރަމުންދާ އިރު، އިއްޔެ ވަނީ ފުރަތަމަ ދެ މީހަކު ފަސްދާނު ލާފައެވެ.

އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، އެތައް ބަޔަކު ފައިސާވެސް ދެމުންދާ އިރު، އާއިލާތަކަށް އެކިއެކި ގާނޫނީ ކަންކަން ފުރިހަމަ ކުރަންވެސް ހޭދަތަކެއް ވަނީ ކުރަން ޖެހިފައެވެ. މުސްލިމުންނަށް ދިން ނިރުބަވެރި ހަމަލާއާ މިހާތަނަށްވެސް ނިއު ޒިލޭންޑުން ނަމޫނާ ދައްކަމުންދާ އިރު، އެގައުމުގެ ބޮޑު ވަޒީދު ޖަސިންދާ އާދާންއަށްވެސް ވަނީ ވަރަށް ބޮޑަށް ތައުރީފް އަމާޒުވެފައެވެ.

އިއްޔެ އެގައުމުގެ ގާނޫނީ، ލޯ ފާމްތަކަކުން ހާމަކޮށްފައި ވަނީ، ހާލުގައި ޖެހިފައިވާ އާއިލާތަކަށް ހިލޭ ގާނޫނީ އެހީ ފޯރުކޮށްދޭނެ ކަމަށެވެ.

"ހާލުގައި ޖެހުނު އާއިލާތަކަށް އެތައް ގޮތަކުން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެ. ހާއްސަކޮށް ގާނޫނީ ދާއިރާގެ ގިނަ ކަންތައްތަކެއް އެބަހުރި، އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ. އިމިގްރޭޝަންގެ ކަންކަމާއި، ކުދިންގެ ހައްގުތަކާ ގުޅޭ ކަންކަން، ވަޒީފާއާ ގުޅޭ ކަންތަކާއި، ދިރިއުޅެމުންދާ ގޭގެ ކަންކަން. އެހެންވީމާ އެކަންކަން ހިލޭ ކޮށްދިނުމަށް މި ނިންމީ،" ލޯ ފާމެއްގެ ވެރިއެއް ކަމަށްވާ ފާން ބްރޭޑްލީ ބުނެފައިވެއެވެ.

އެ ގައުމުގެ ގިނަ ލޯ ފާމްތަކަކުން އެ ޕްރޮގްރާމްގައި ބައިވެރިވަމުންދާ އިރު، އަދިވެސް އިތުރު ފާމްތަކުން އެ ކަމުގައި ބައިވެރިވުމަށް އެގައުމުގެ ލޯ ފާމްތަކާ ބެހޭ ޖަމިއްޔާއިންވެސް ވަނީ ގޮވާލާފައެވެ.