ނިއުޒިލޭންޑްގެ ކްރިސްޗާޗްގެ ދެ މިސްކިތައް ދިން ހަމަލާއަކީ ނިއުޒިލޭންޑަށް މުސްލިމުން އެތެރެވާތީ ކަމަށް ބުނެ، އެ ހަމަލާއަކީ މުސްލިމުންގެ ސަބަބުން ދިން ހަމަލާއެއް ކަމަށް ސިފަ ކުރަން އުޅުނު އޮސްޓްލޭރިޔާގެ ޤާނޫން ހަދާ މަޖިލީހުގެ މެންބަރު ފްރެސަރ އަނިން ގެ ބޮލަށް ބިހެއް ޖެހި، އުމުރުން 17 އަހަރުގެ ވިލް ކޮނޮލީއަށް ގާނޫނީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްކުރި ފައިސާ، ނިއު ޒިލޭންޑްގައި ހާލުގައި ޖެހުނު މުސްލިމުންނަށް ދޭން އޭނާ ނިންމައިިފިއެވެ.

ކޮނޮލީއަށް އިންޓަނެޓްގައި ބޮޑު ތަރުހީބެއް ލިބިފައިވާ އިރު، އޭނާގެ ގާނޫނީ ކަންކަމަށް އެހީވުމަށް، އަމިއްލަ ގައުމު އަދި ގައުމުން ބޭރުގެ އެތައް ބަޔަކުވެސް ވަނީ ފައިސާ އެއްކޮށްފައެވެ. "ގޯ ފަންޑް މީ"ގައި ކޮނޮލީގެ ސަޕޯޓަރުން ހުޅުވި ޕޭޖު މެދުވެރިކޮށް އޭނާއަށް އެތައް ބަޔަކު އެހީތެރިކަން ފޯރުކޮށްދީފައިވާ އިރު، އެ ފަންޑަށް ވަނީ 50،000 އޮސްޓްރޭލިއަން ޑޮލަރަށްވުރެ ގިނައިން ފައިސާ ލިބިފައެވެ.

އެ ޕޭޖުގައި ފަހުން ބުނެފައި ވަނީ "އެގްބޯއީ" ނަމުން މަޝްހޫރުކަން ހޯދި ކޮނޮލީ، އެ ފައިސާ ހަދިޔާކުރަން ބޭނުން ވަނީ ނިއު ޒިލޭންޑްގެ މިސްކިތްތަކަށް ދިން ހަމަލާގައި ހާލުގައި ޖެހުނު މީހުންނަށް ކަމަށެވެ.

ކޮނޮލީ ވަނީ ފްރެސަރ ގެ ބޮލަށް އޭނާ ބިސް ޖެހި މަންޒަރު ވީޑިއޯކޮށް، އޭނާގެ ޓްވިޓާ އަދި އިންސްޓާގްރާމްގައިވެސް އެ ވީޑިއޯ އާންމުކޮށްފައެވެ. އެ ވީޑިއޯއާއެކު ކޮނޮލީ ބުނެފައި ވަނީ މެމްބަރު ބޮލަށް ބިސް ޖެހި ވަގުތަކީ އިންސާނަކަށް އޭނާ ވީތީ ފަހުރުވެރިފާ ކަމެއް ކަމަށާއި، އޭނާ ދޭން ބޭނުންވި މެސެޖަކީ ޓެރެރިސްޓުންނަކީ ހަމައެކަނި މުސްލިމުންގެ ތެރޭގައިވާ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ވަކި ދީނަކަށް އޮތް ކަމެއް ނޫންކަން އެނގެން ޖެހޭ ކަމަށާއި، މުޖުތަމައުގައި އުޅޭ މީހުންގެ ތެރެއިން އަނިން ފަދަ މީހުންނަކީ ހުސް ބޮލެއް ހުންނަ މީހުން ކަމަށްވެސް ކޮނޮލީ ބުންޏެވެ.

އެ މެސެޖާއެކު އެތައް ބަޔަކު ވަނީ ކޮނޮލީއަށް ތައުރީފްކޮށް، އިންޓަނެޓްގައި "އެގްބޯއީ"ގެ ހާއްސަ ހޭޝްޓެގަކާއެކު އޭނާ މަޝްހޫރު ކޮށްލާފައެވެ.